މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި ސުވާލުކޮށްފިއެވެ.
މި މައްސަލާގައި މިނިސްޓަރު ނަހުލާއާއި ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް އެވެ. ރިޔާޟު ލިޔުމުން ޖަވާބު ހޯމަށް ކުރެއްވި އެ ސުވާލުގައި ވަނީ މާލެއާއި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެ އެެކަމުގެ ޝަކުވާތައް ލިބެމުންދާއިރު މި މައްސަލަ ހައްލުކުރުމަށް ނުވަތަ ދަތުރުތަކުގެ ހިދުމަތް ފަސޭހަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ އައްސަވާފައެވެ.
ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ނަހުލާ މި މައްސަލަ ޙައްލު ކުރެއްވުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ގިނަ ފިޔަވަޅު ތަކެއްގެ ތަފްޞީލު ދެއްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ ހިދުމަތް ހޯދަން ދަތިވާ މައްސަލާގައި ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށާއި ފޯނު ކޯލާއި އީމެއިލް މެދުވެރިކޮށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލު ކުުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ހުށަހެޅުނު 57 ޝަކުވާ ދިރާސާކޮށް އޭގެތެރެއިން 15 މައްސަލައެއް ފުލުހުންނަށް ހުށަހަޅުއްވާފައި ވާކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓެކްސީ ހިދުމަތް ދޭ އޮންލައިން އެޕް މެދުވެރިކޮށް އަގު ބޮޑުކޮށް ދަތުރު ކޮށްފައިވާތީ މިނިސްޓްރީން އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށާއި ފަސިންޖަރުން ދާން ބޭނުންވާ މަންޒިލު ދަތުރު ކުރުމުގެ ކުރިން ޓެކްސީ ޑްރައިވަރަށް ދާންޖެހޭ މަންޒިލް ނޭނގޭ ގޮތަކަށް އެޕްގެ ޑިޒައިން ބަދަލު ކުރުމަށް ވެސް އެ ހިދުމަތް ދޭ ފަރާތަށް މިހާރު އަންގާފައިވާ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޓްރާންސްޕޯރޓް މިނިސްޓްރީންވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ދަތުރުކުރާ ޓެކްސީ ތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްބުނެ އިންޒާރު ކޮށްފަ އެވެ.
ދާދި ފަހުން ޕެޓްރޯލްގެ އަގު ބޮޑުވުމާ ގުޅިގެން ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ގޮވާލައި ޓެކްސީ ޑްރައިވަރުން ވަނީ މުޒާހަރާކޮށްފަ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކާއި ބައެއް ޑްރައިވަރުން ހުށަހެޅުމުން ސަރުކާރުން އެގޮތަށް ހުއްދަ ދީފައި ނުވި ނަމަވެސް ބައެއް ޑްރައިވަރުން މިހާރު ދަތުރުކުރަމުން ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގަ އެވެ. ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ވެސް ބައެއް ޑްރައިވަރުން ނަގަމުންދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!