މާލެ ސަރަހައްދުން މިއަދު ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކަރަންޓް ކެނޑުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ މާލެ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިޔައީ ކަރަންޓް ދޭ މައި ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އާ ކޭބަލެއް ވަޅުލައި، ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަސްވަރު ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

އޭނާ ވިދާޅުވީ މައްސަލަ ހައްލުވަންދެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށެވެ.

ރޭ ފަތިހު 4:00 ޖަހާކަށްހާއިރު މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓް ކެނޑިފައެވެ. އަލުން ކަރަންޓް ދީފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލެއް ހަލާކުވެ އެ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އެހެން ހަތަރު ކޭބަލެއް މެދުވެރިކޮށް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މި ވަގުތު ފީޑާ 8 އިން ކަރަންޓު ދޭ 10 ސަރަހައްދަށް ކަރަންޓް ދެމުން އައީ ހަތަރު ފީޑަރަކަށް ބަހާލައިގެން. ދިޔައިރުގައި ބާކީ ހަތަރު ފީޑަރުގެ ލޯޑު މަތިވަމުންދާތީވެ އެކި ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން މިދަނީ ކަރަންޓް ކަނޑަމުން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ ވަގުތީ ހައްލެއް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ވެސް ލޯޑު ބޮޑުވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެ ކަމަށެވެ.