ވަކި މީހެއްގެ ފައިދާއަށްޓަކައި މާލޭގެ މަގުތަކުގައި މުޒާހަރާތަށް ކުރަމުންދާ ކަމަށާއި، ޤައުމު ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ފުރުޞަޠު ނުދޭނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން އޮތުމަކީ އެޕާޓީން ވަރަށް އެދޭކަމެއް ކަމަށެވެ.

Ad
rt

ނާޒިމް ވިދާޅުވީ، އެއްވެސް މީހަކަށް ވެސް އަދި އެއްވެސް ރައްޔިތަކަށް ވެސް ރާއްޖެ ދާޚިލީ ހަމަނުޖެހުމެއް ތެރެއަށް ވައްޓާލުމަކަށް އެމްއެންޕީން ފުރުޞަޠެއް ނުދެއްވާނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވަކާލާތުކޮށް ކުރަންޖެހުނު ހުރިހާކަމެއް ކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.

"ފެންނަމުން މިދަނީ ރާއްޖޭގެ މަޝްރަޙް އަނެއްކާވެސް ހަލަބޮލިވަމުންދާ މަންޒަރު، މިފެންނަނީ މާލޭގެ މަގުތަކުގައި ވެސް ވަކިމީހެއްގެ ފައިދާއަށްޓަކައި، ވަކި މީހެއްގެ ބޭނުމަށްޓަކައި މުޒާހަރާ ކުރަމުންދާ މަންޒަރު، މިއާއެކީ ސަރުކާރުން އެ މުޒާހަރާތައް ހުއްޓުމަށްޓަކައި އެކަމާ ނުބައްދަލުބާރުގެ ބޭނުންކުރާ މަންޒަރު، މިއިން ފެނިގެން ދަނީ ކުރިއަށް އޮތް މަސްމަހު، ކުރިއަށް އޮތް އަހަރެއްހާ ދުވަހު ރާއްޖޭގެ މަޝްރަޙް އަނެއްކާވެސް ދާނީ ހަލަބޮލިވަމުންނޭ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތަތައް ހިންގަންޖޭނީ ޤައުމުގެ މަޝްރަޙަށް ހަލަބޮލިކަން ނާންނަ ގޮތަށް ކަމަށާއި، ސިޔާސީ މީހުން އެކަމާ ވިސްނާލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ މީހުން ވިސްނާލަންޖެހޭ، ހުރިހާ ސިޔާސީ ލީޑަރުންނަށް ދަންނަވާލަން އަޅުގަނޑުމެން ސިޔާސީކަންކަން ރައްޔިތުންލައްވާ ކުރުވާއިރުގައި ރާއްޖޭގެ މަޝްރަޙް ޚާއްޞަގޮތެއްގައި މި ހަލަބޮލިކަން ނާންނަ ގޮތަކަށް ނިންމަމާތޯއޭ، އަލުގަނޑުމެންނަން މިފެންނަނީ އަމިއްލަ ބޭނުމަކަށްޓަކައި މަގުތައް ހަލަބޮލިކުރާ މަންޒަރު، މީގެ ސަބަބުން ކޮންކަމެއްތޯ މި ހާސިލްވަނީ، އަޅުގަނޑުމެންނަށް ލިބެނީ ނިކަމެތިކަން" ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއަކީ ވަރަށް ސުލްހަވެރި އަމާން ޤައުމެއް ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ދައްކަން އެމްއެންޕީން ބޭނުންވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ބޭނުން ވަނީ ސުލްހަމަސްލަތު ގާއިމުވެފައި އޮތް ގައުމެއްކަން އިންވެސްޓަރުންނަށް ފެންނަން، އަޅުގަނޑުމެންނަކީ އިޤްތިޞާދު ބޭރުގެ އެކިފަރާތްތަކަށް ބަރޯސާވެގެން ތިބިބައެއް، ހަލަބޮލިކަން މިގޮތައްދާކަމަށްވަންޏާ އަޅުގަނޑުމެންނަށް އިތުރު އިންވެސްޓަރުންނެއް ނުލިބޭނެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ވިސްނަންވީ ދިވެހި ރައްޔިތުންގެ ފައިދާ އާއި މަންފާއަށް ކަމަށެވެ. އަދި އެމްއެންޕީ އުފަންކުރީ ދިވެހިންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.