އުކާލަން ކުނި ނެރޭއިރު ކުނީގެ ބާވަތްތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް ވެމްކޯ އިން އަންގައިފިއެވެ.
ވެމްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނެރެފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހާ ގުޅިގެން ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ކުނި ނެރެންވާނީ ވަކިކޮށްގެން ކަމަށް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެރޭއިރު ތިން ބަޔަކަށް ކުނި ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާ ޒާތުގެ ކުންްޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނީގެ ބަޔަކާއި ޕްލާސްޓިކް ފުޅީގެ ބަޔަކާއި އެހެނިހެން ކުނީގެ ބަޔެކެވެ.
މީހުން ދިރިއުޅޭ އެހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު އިތުރު ބަޔަކަށްވެސް ކުނި ބަހާލަން ޖެހޭނެއެވެ. އެއީ މައުދަނާއި ބިއްލޫރީގެ ބާވަތްތަކެވެ.
ވެމްކޯ އިން ދުވަހު ކުނީގެ ގޮތުގައި އުކާލަމުންދާ ކުނީގެ ތެރޭގައި ނުހިމެނޭ ބޮޑެތި އަދި ބަރު ކުނި އުކާލުމަށްޓަކައި ވެމްކޯގެ ކޯލް އެންޑް ޕިކަޕް (ކެޕްސް)ގެ ހިދުމަތް ހޯދުމަށްވެސް އެދިފައިވެއެވެ.
އެ ކުންފުނިން އިން އަންގާފައިވާ ގޮތަށް ހަތަރު ބަޔަށް ކުނި ވަކިކޮށްފައި ނުހުންނަ ގޭބިސީތަކުން ނެރޭ ކުނި ބަލައިނުގަމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށްވެސް ބަޔާނުގައި ވަމީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ގެންނަ ކުނިވެސް ހަތަރު ބަޔަށް ބައިކޮށްގެން ގެނައުމަށްވެސް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!