ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ.
މި މަޝްރޫއުގެ ދަށުން 10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10،000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނޭއިރު ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ މަސައްކަތްވެސް ކުރާނެއެވެ.
365 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރި މިމަސައްކަތަކީ އީއައިއޭ ހެދުމާއި އެކު 36 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ކަނޑުއޮތްގިރިއަކީ މިފްކޯގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ. މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށަކަށްވާއިރު މިހާރު ގާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. ނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަބޭނުން ހިފުމަށް ވަނީ ދަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!