ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ޕާފޯމެންސް އޮޑިޓެއް ހަދަަން ފެނިވަޑައިގަންނަވާ ކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަދި އަންގާރަ ދުވަހު ކުރިއަށް ދިޔަ ދެވަނަ ޖަލްސާ ވެސް ތަޅުމުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ނިންމާލާފައިވާއިރު، އެކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި ސަރުކާރުން މަޖިލީހަށް ބިލު ނުފޮނުވަނީ ރިޔާސަތުގައި ރައީސް މުޙައްމަދު ނަޝީދު އިންނަވާތީތޯ އާދަމް ޝަރީފް ވަނީ ސުވާލުކުރައްވާފައެވެ.
"ހިޔާ ފްލެޓް މީހުން ހުށަހެޅި ޕެޓިޝަންފަދަ ރައްޔިތުންނާ ގުޅުންހުރި އެހެން މައްސަލަތައް ކޮމެޓީތަކުގައި ހުންނާނެ، ކޮމެޓީތަކުގެ ޕާފޯމެންސް އޮޑިޓެއް ހަދަން ފެނޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.
ހޯމަ އަދި އަންގާރަ ދުވަހު ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ރަސްމީ ޖަލްސާ ނިންމަވާލެއްވިޔަސް މަޖިލީހުގެ ބައެއް ކޮމިޓީތައް މި ދެ ދުވަހު ވެސް ކުރިއަށްދިޔަ އެވެ.
މިގޮތުން އަންގާރަ ދުވަހު ވެސް ވަނީ، ޢާންމު ކޮމެޓީ، މާލިއްޔަތު ކޮމެޓީ، ޖުޑިޝަރީ ކޮމެޓީ، އިމްތިޔާޒު އަދި ސްލޫކް ކޮމެޓީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ.
މަޖިލީހުގެ ރަސްމީ ޖަލްސާ އޮންނަ ދުވަސްތަކާއި ގަޑިތަކުގެ އިތުރުން އެނޫން ދުވަސްތަކާއި ގަޑިތަކުގައި ވެސް މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!