މިއަދުވެސް މަޖިލިސް ޖަލްސާ ނިންމާލަން ޖެހުނީ ކުރާނެ އިތުރު މަސައްކަތެއް ނެތިގެން

Majlis_P19_S70_Male_City_MP_001

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލިސް ޖަލްސާ ވެސް ނިންމާލައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ.

އެ ސުވާލުތައް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މަޖިލިސް ނިންމާލަން ޖެހިފައިވާ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ނިންމާލީއެވެ. އިއްޔެ ވެސް އޮތީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްއާ ކުރެއްވުމެވެ. އޭގެފަހުން އެޖެންޑާގައި ކުރާނެ އިތުރު މަސައްކަތެއް ނެތިގެން މަޖިލިސް ނިންމާލީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ، އިއްޔެގައި ވެސް މަޖިލިސް ނިންމާލީ އިތުރު މަސައްކަތެއް މަޖިލީހުގައި ނެތުމުންކަމަށާއި މިއަދު އަނެއްކާވެސް ފާހަގަކުރަން އޮތީ ހަމަ އެ ނުކުތާކަމަށެވެ.

"އެއާއެކީގައި އަޅުގަނޑު ދަންނަވައިލާނަން، މި މަޖިލީހަކީ ދެ ބާވަތުގެ މަސައްކަތްކުރާ ތަނެއް. އެއް ކަމަކީ، ސަރުކާރު ޖަވާބުދާރީކުރުވުން. އަނެއް ކަމަކީ، ގާނޫނު ހެދުން. މީގެ އެއް ބާވަތެއްގެ ތެރޭގައި ވެސް މަސައްކަތް އުފެދިގެން އަންނަނީ، ގާނޫނުހެދުމުގެ މަސައްކަތް އުފެދިގެން އަންނަނީ ސަރުކާރުން މި ތަނަށް ބިލު ފޮނުވައިގެނާއި އަދި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިތަނަށް ބިލު ހުށަހަޅައިގެން. ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އަންނަނީ ވަޒީރުންނާ ސުވާލުކުރުމުންނާއި އަދި އޭގެ ވެސް އިތުރުން، މެންބަރުންނަށް ވަކި ކަމަކާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ނުކުތާއެއް ފާހަގަކޮށް، ބަހުސެއް ކުރައްވައި، ނުވަތަ ސުވާލެއް ކުރައްވައި، ނުވަތަ ކޮމިޓީއެއްގައި ދިރާސާއެއް ކުރެއްވުން."

މަޖިލިސް ރައީސް ވިދާޅުވި އެވެ.

މި ބާވަތުގެ އެއްވެސް ކަމެއް މިއަދަކު ނެތްކަމަށް ވިދާޅުވެ މަޖިލިސް ނިންމަވާލެއްވީ އެވެ. ރަސްމީ ޖަލްސާ ނިންމަވާލެއްވިޔަސް މަޖިލީހުގެ ބައެއް ކޮމިޓީތައް ކުރިއަށްދިޔަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އުފަންދުވަސް ފާހަގަކުރުމަށް ކޭކު ފެޅުމުގެ ހަރަކާތެއްވެސް މަޖިލިސް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ދެން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00 ގައިއެވެ. މާދަމާގެ ޖަލްސާގައި މަޖިލީހަށް ތަޢާރަފުކުރަންޖެހޭ ދެބިލެއް އެޖެންޑާ ކޮށްފައިވެއެވެ. އެއީ
ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، ކުނި މެނޭޖުކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޖިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މީގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުމަށް އެޖެންޑަރ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޝް ހުށަހަޅުއްވާފައިވާ މައްސަލައެއްވެސް ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި