އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓްތަކުން ދައްކައިފިއެވެ.

މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ބުނި ގޮތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި، ފިޝަރީސް، ޝިޕިންގ އަދި ގޭސް ގެ އާމްދަނީ ވެސް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވެފައިވާ އިރު މިދިޔަ އަހަރުގެ އެ ކުންފުންޏަށް އެކަނިވެސް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައި 8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައި 12 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާއަކީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައި 47 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލައި 35 އިންސައްތައިގެ ކުރިއެރުމެކެވެ.