މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ މެންބަރުން ވޯޓު ދޭންވީ، ޕާޓީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދޭން ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހޮވާނެއެވެ.
އިންތިޚާބުގެ ވަގުތު ކުޑަތަންވެފައިވާއިރު އިންތި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ، ވަރަށް ގިނަ ބައެއްގެ، ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާއި ޤުރުބާރީން ނަގާ ކޮޅަށްޖެހުނު އިޞްލާހީ ހަރަކާތެއް ކަމަށެވެ.
"މި ރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ނުކުންނަވާ ވޯޓު ދެއްވާ!" އިންތި ވިދާޅުވެފައި ވެއެވެ.
މާދަމާ އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައި ވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!