ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 16 ވާ ހޯމަދުވަހުގެ ނިޔަލަށްކަމަށެވެ.

Ad
rt

ޔޫ.އޭ.އީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

ޝެއިޚް ޚަލީފާ ގެންދެޗީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސް ގެ މަގާމު އަދާ ކުރައްވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން އޭނާ އަދާކުރެއްވީ ރައީސްގެ ރަމްޒީ ރޯލެކެވެ.

ގައުމުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްބަފާކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

އެމަނިކުފާނުގެ އާއިލާގެ މިލްކިއްޔާތު 150 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ އެކެކެވެ.

ޔޫއޭއީގެ ރައީސްގެ އިތުރުން ޝެއިޚް ޚަލީފާ އަކީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ވެރިޔާއެވެ. އެމަނިކުފާނުއަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރުމުގެ ގޮތުން މިއަދުން ފެށިގެން 40 ދުވަސްވަންދެން ބައިދަނޑިއަށް ދިދަ ތިރިކުރާނެއެވެ. އަދި ތިން ދުވަހަށް ސަރުކާރު ބަންދުކުރާނެއެވެ.