ކުރިއަށް އޮތް ދޮޅު އަހަރު މިޤައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑާޝިޕެއް އެމްޑީޕީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓު ދޭންވީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ދީދީ މިހެން ވިދާޅުވީ، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި، ޚިޔާލުފާޅު ކުރައްވަމުންނެވެ.

Ad
rt

އާޒިމްގެ ޓްވީޓް ގައި ވިދާޅުވެފައި ވަނީ، މިދިޔަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނަކަށް ނޫންކަމަށާއި، ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށް ކަމަށެވެ.

"ސަރުކާރުން ހިންގަނީ އެމްޑީޕީގެ ޕޮލިސީއެއް ނޫން، ކޯލިޝަނާ ވަކިވުމަށް އެމްޑީޕީގެ މެންބަރުން އިންތިއަށް ވޯޓުދެއްވާ" އާޒިމް ވިދާޅުވެފައިވެއެވެ.

ރައްދު ދެއްވައި ދީދީ ވަނީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތް 134،705 ވޯޓުގެ ތެރެއިން އެމްޑީޕީގައި ނުހިމެނޭ 80 ވަރަކަށް ހާސް މީހުން ވޯޓު ދިނީ ކޯލިޝަނަކުން ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި ކޯލިޝަނަށް އިޚްތިރާމްކުރެއްވުން އެއީ ރައީސް ޞާލިޙްގެ އިޚްލާސްތެރިކަން ސާފުވާކަމެއް ކަމަށް ވިދާޅުވިއެވެ.

"މުޅި ދުނިޔޭގެ އިޖުތިމާއީ، އިޤްތިޞާދީ ހާލަތަށް ވިސްނާލާއިރު ކުރިއަށް އޮތް ދޮޅު އަހަރު މިޤައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް އިހްތިރާމް ކުރާނެ ލީޑަރޝިޕެއް އެމްޑީޕީގައި އޮތުން، ވޯޓު ފަޔާ" ދީދީ އިތުރަށް ވިދާޅުވެފަވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. އެ އިންތިޚާބުގައި ފަޔާ އާއި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.