މާލޭ ސިޓީގައި އޮތް އެންމެ ހިތްގައިމު އަވަށް ކަމުގައިވާ، ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އަކީ ވިލިމާލޭ ރައްޔިތުންނާއެކު މަސައްކަތްކުރާތާ މިހާރު ވަރަށް ގިނަދުވަސްވެފައިވާ ކަނބަލެކެވެ.
ވިލިމާލެ ރައްޔިތުންނަކީވެސް ފާތުން ދަންނަ، ދެނެ ފަރިތަ މީހުންނެވެ. އެއަވަށުގެ ކަނބަލުންގެ އިޙްސާސްތައް އެންމެ ގާތުން ދަންނަ ކެނޑިޑޭޓަކީ އެއީ ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ވިލިމާލޭ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތްކޮށްދިނުމުގެ ނިޔަތުގައި އެދާއިރާއަށް ޚިދުމަތްކުރަން ފާތުން ނިކުމެހުރީ ގިނަ އުންމީދުތަކާއި ވަޢުދުތަކާއި އެކުއެވެ.
ވިލިމާލޭގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފާތުން ވަނީ މިވަޢުދުތައް ހިއްސާކޮށްފައެވެ. އެގޮތުން ފާތުން ހޮއްވަވައިދެއްވައިފިނަމަ ކައުންސިލް މެދުވެރިކޮށް ވިލިމާލޭގައި ދިރިއުޅޭ އެކަނިވެރި މައިންނަށް، ދަރިންތިބެ ވަޒީފާއަށް ނުދެވޭ ކަނބަލުންނަށް ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ކޮށްދޭނެކަމަށް ވިދާޅުވި އެވެ.
ކަނބަލުންނަށް ތަފާތު އެކި ދާއިރާތަކުން ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދީ ޢުމުރުން ދޮށީ ކަނބަލުންނަށްވެސް އުނގެނުމާއި ސިއްހީ އެކި އެކި ކަންކަމަށް ހޭލުންތެރި ކުރުމާއި އެއަވަށަކީ އެންމެންނަށްވެސް ހިތްހަމަޖެހޭ އުފާވެރި މާހައުލަކަށް ހެދުމަށް މަސައްކަތް ކުރާނެކަން ފާހަގަ ކުރިއެވެ.
މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގްރާމްތަކުގެ ތެރެއިން އެއްބައިވަންތަ ކަމާއި އެކުވެރިކަން އާލާ ކުރުމަށް މަސައްކަތް ކުރާނެކަމަށާއި ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންގެވެސް އަޑުއަހާ މީހަކަށް ވާނެކަމަށް ފާތުން ބުނެއެވެ. އަދި ވިލިމާލެ އަންހެނުންގެ ކޮމެޓީއަށް ފާތުން ހޮއްވަވައި ދެއްވައިފިނަމަ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅާނެކަމަށް ފާތުން ވިދާޅުވި އެވެ.
"އަޅުގަނޑަކީ ނަމޫނާ މެމްބަރަކަށް ވާނަން އިންޝާﷲ އަޅުގަނޑުގެ ވާހަކަކޮޅު ނިންމަވާނީ އަޅުގަނޑުގެ މިމަސައްކަތުގައި އެހީތެރިވެ ދެއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާސްތެރި ލޯތްބާއި ޝުކުރު އަދާކުރަން."
ފާތުން ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ މާދަމާ އެވެ. ފާތުންގެ ކެނޑިޑޭޓް ނަންބަރަކީ 1 ކެވެ.
އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!