އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީ ވޯލްޑް ކަޕް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް، ދައުވަތު އަރުވައިފިއެވެ.
އޫރީދޫ އިން ރައީސް ސޯލިހަށް ދައުވަތު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ސޯލިހާއި ހާލިދު އާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ޚާލިދު އަދި ރައީސް ވަނީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި އުރީދޫއިންވަނީ 5ޖީ ކަވަރޭޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ޕީސް ކޭބަލް ވިއުގަމެދުވެރިކޮށް ޔޫރަޕާއި ސިންގަޕޫރާ ރާއްޖެ ގުޅުވައިދީ، ޤައުމީ ޓެލެކޮމް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމާއި، އެކި އެކި ދާއިރާތަކަށް އީޖާދީ ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތަށް އަލި އަޅުވާލައިފައެވެ.
މި ބައްދަލުކުރެއްވުމުގައި އުރީދޫގެ ސީއީއޯ ވަނީ ވޯލްޑްކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ބޯޅަ ރައީސް ސޯލިހަށް ހަދިޔާއަކަށް އަރުވައިފަ އެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް "އަލް ރިހްލާ" ރަސްމީކޮށް ތައާރަފްކުރިއިރު އެޑިޑާސްއިން ވަނީ މި ބޯޅައަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ދުވެލި ބާރު ބޯޅަ ކަމުގައި ބުނެފައެވެ. އަލް ރިހްލާ ބޯޅަ އުރީދޫއިން ރައިސުލް ޖުމްހޫރިއްޔާއަށް އަރުވައިފައިވަނީ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް 2022 ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުންނެވެ.
It was a great pleasure to meet the President of Maldives @ibusolih H. E Ibrahim Mohamed Solih today at his office to talk about the digital experience in Maldives pic.twitter.com/4xCJcS1juZ
— Khalid Al-Hamadi (@KhFii) May 12, 2022
ޚާލިދި ވިދާޅުވީ ފުޓުބޯޅައަކީ މުޖުތަމައުގައި އެއްބައިވަންތަކަން އުއްފައްދާ ފޯރިގަދަ ކުޅިވަރެއް ކަމަށެވެ. އަދި ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށާއި މިއަހަރުގެ ވޯލްޑްކަޕް ތަޖުރިބާ ދޮވެހިންނަށް ފުރިހަމައަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ ފީފާ ވޯލްޑް ކަޕް ޤަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރގެ ހައިސިއްޔަތުން އުރީދޫ އިން ވަނީ 22 ވަނަ ވަރލްޑް ކަޕް މުބާރާތުގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަންވެސް ފާހަގަޮށްލަން."
ޚާލިދު ވިދާޅުވިއެވެ.

މިއަހަރުގެ ވޯލްޑަކްޕްގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!