ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށާއި، ސަލާމަތީ ޚިދުމަތްތެރިންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ހުއްޓާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އުފެދިގެން ދިއުން ކަމަށެވެ.

Ad
rt

އެގޮތުން، އަމިއްލަ ފަރުދަކުވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ކަމުގައިވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށާއި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ވަކިފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން އެހީތެރިވާންވާނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެމްއެންޕީން ބުނީ، އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން 15 އަހަރު ވެގެންދާއިރު، ދިވެހިރާއްޖޭގައި އަދިވެސް ރައްޔިތުން އެދޭފަދަ މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމްވެފައިނުވާކަމުގެ ޝަކުވާއަކީ ގިނަ ރައްޔިތުން މިއަދުވެސް ކުރަމުންދާ ޝަކުވާއެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީން ގަބޫލުކުރާ ގޮތުގައި މިފަދައިން ޝަކުވާ ކުރަނީ ޝަރުއީ ދާއިރާގެ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީކަމަށެވެ.

"އެގޮތުން، ޝަރުއީ ދާއިރާ މިނިވަންކުރުމަކީ މި ސަރުކާރުންވެސް ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަމަށްވެފައި، ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް މި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، މި ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ." އެމްއެންޕީން ބުނެފައިވެއެވެ.

އެ ޕާޓީން ބުނީ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ، އެކަން ކުށްވެރިކުރާ ކަމަށާއި، އަދި އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަރާތްތަކަށް ގޮވައިލާކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ފަރާތްތަކެއް ކަމަށްވާއިރު، އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދޭންޖެހޭކަމަށް ވެސް އެޕާޓީން ފާހަގަކޮށްފަވެއެވެ.

"އެހެންނަމަވެސް، އެފަރާތްތަކުން ކުރާ ތަހްގީގުތަކާއި ނިންމާ ނިންމުންތަކުގައި ބައެއް ފަހަރަށް ސިޔާސީ ނުފޫޒު އެކުލެވޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެހެންކަމުން، ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރުމުގައި ނުފޫޒުތަކަށް ނުލެބި، އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް މިޕާޓީން ދެކެމެވެ." އެމްއެންޕީން ބުނެފަވެއެވެ.

އެ ނޫސްބަޔާނުގައި އެ ޕާޓީން އިތުރަށް ބުނެފައިވާ ގޮތުގައި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހްޒީބް މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް އެ ޕާޓީން ނުދެކެއެވެ.

"އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރާނަމަ، އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްކަމަށް މިޕާޓީން ނުދެކެމެވެ." އެ ނޫސްބަޔާނުގައި އެމްއެންޕީން ބުނެފައިވެއެވެ.