ނަރުސް މީހާގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން ކޯޓާއި ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލި ކަމަށް ބުނެ ލަމްހާއަށް ކުރަ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އާއި އެހީވާނެ މީހަކު ނުހުންނާތީ އެކަމުގެ ޝަކުވާ ލަމްހާގެ ވަކީލުން ކުރި އެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ލަމްހާގެ ވަކީލުން ބުންޏެވެ.
ލަމްހާ ބުނީ ރޭ ވެސް އޭނާ އޭޑީކޭއަށް ގެންގޮސް، ޑޮކްޓަރަށް ދެއްކި ކަމަށެވެ. ޑޮކްޓަރު ލަފާދިނީ ފިޒިއޮތޮރަޕީ ހަދަން ކަމަށް އޭނާ ބުންޏެވެ.
މޭރީ މަރާލި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރޭގައި ހޮސްޕިޓަލްތަކުގައި ނޫނީ ބޭނުން ނުކުރެވޭނެ މަނާ ބޭސްތަކެއް ލަމްހާ ގެންގުޅުނު ކަމަށް ބުނެ ކުރާ ދެ ދައުވާއެއް ހިމެނެ އެވެ.
ލަމްހާ މާވިން އާއި މޭރީ ވެސް އޭރު މަސައްކަތްކުރީ އައިޖީއެމްއެޗްގެ ނަރުހުންގެ ގޮތުގަ އެވެ. ދައުލަތުން ތުހުމަތު ކުރަނީ މަނާ ބޭސްތައް ބޭނުންކޮށްގެން މޭރީ މަރާލީ ކަމަށެވެ. އެ ބޭހުގެ އަސަރު މޭރީގެ ހަށިގަނޑުން ފެނުނެވެ.
ދައުލަތުން ބުނިގޮތުގައި ލަމްހާގެ ކޮޓަރިން ފެނުނު މަނާ ބޭސްތަކަކީ އައިޖީއެމްއެޗްއަށް އެސްޓީއޯއިން ވިއްކި ތަކެއްޗެވެ. އެ ތަކެތީގެ ބެޗް ނަމްބަރުން އެކަން ދެނެގަނެވޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ ތަކެތި ގެންދިއުމުގެ ހުއްދަ ލަމްހާއަށް ދީފައި ނޯންނާނެ ކަމަށް އައިޖީއެމްއެޗްގެ ވެރިން ފޮނުވާފައިވާ އީމެއިލްތަކުން ސާފުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއީ ހޮސްޕިޓަލްތަކުގައި ނޫނީ ބޭނުން ނުކުރެވޭނެ ފަދަ އެއްޗެއް ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ބޭސްތަކެކެވެ.
އެ ދައުވާއަށް ލަމްހާ މިއަދު އިންކާރުކުރި އެވެ.
ދެން އޮންނާނީ ލަމްހާގެ ބަންދު ދެމެހެއްޓުމާ މެދު ގޮތެއް ނިންމުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!