ގޫގުލް ޓްރާންސްލޭޓަރ އިން އަލަށް ދަސްކުރި 24 ބަހުގެ ތެރޭގައި “ދިވެހި ބަސް” ހިމެނިއްޖެ އެވެ.

ގޫގުލް ޓްރާންސްލޭޓަރ ޓޫލްއަށް ދިވެހި ބަސް އިތުރުކޮށްފައިވާކަމަށް ގޫގުލްއިން އިޢުލާންކޮށްފައިވަނީ އައިއޯ 2022 ޑިވެލޮޕާރ ކޮންފަރެންސްގަ އެވެ.

Ad
rt

ގޫގުލް އިން ބުނެފައިވަނީ އަލަށް އިތުރުކުރި 24 ބަހުން ވާހަކަ ދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭކަމަށެވެ. ދިވެހި ބަސް ބޭނުން ކުރާކަމަށް ގޫގުލް އިން ލަފާކުރާ އަދަދަކީ 3 ލައްކަ މީހުންނެވެ.

އަލަށް އިތުރުކުރި 24 ބަހާއި އެކު ގޫގުލް ޓްރާންސްލޭޓަރ މެދުވެރިކޮށް ތަރުޖަމާކުރެވޭ ބަސްތަކުގެ އަދަދު މިވަނީ 133 އަށް އަރާފަ އެވެ. ގޫގުލް ޓްރާންސްލޭޓް ގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ގޫގުލް އިން ބުނެއެވެ. އެގޮތުން ގޫގުލް ޓްރާންސްލޭޓް އަށް ސަޕޯޓް ނުކުރާ 7000 ބަސް އަދިވެސް އެބައޮތްކަމަށް ބުނެއެވެ.

މިއަދު މި ޚިދުމަތް އާންމުކޮށް ހުޅުވާލި ނަމަވެސް ގޫގުލް ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް، މި ޚިދުމަތް އަދި ނުލިބޭނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަލަށް ސަޕޯޓް ދޭންފެށި ބަސްތަކުން ޓްރާންސްލޭޓް ކުރުމަށް އަދި ދުވަސް ތަކެއް ނަގާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

އެގޮތުން މިވަގުތު ދިވެހި ރާއްޖެ އަށް ގޫގުލް ޓްރާންސްލޭޓަރ ގެ ބަސްތަކުގެ ލިސްޓުން “ދިވެހި ބަސް” ނުދައްކައެވެ. ނަމަވެސް ތާނައިން ލިޔުމުން އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދެއެވެ.

މައިކްރޯސޮފްޓް ޓްރާންސްލޭޓާ މެދުވެރިކޮށް އިނގިރޭސި ބަހުން ލިޔެފައިހުންނަ ބަސްތައް ދިވެއްސަށް އަދި ދިވެހި ބަހުން ލިޔެފައި ހުންނަ ބަސްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްލެވޭގޮތް ފަހިކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.

މައިކްރޯސޮފްޓް ޓްރާންސްލޭޓާއަކީ ވެސް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތަރުޖަމާކުރުމުގެ ހިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ.

މިއީ ދިވެހި ބަހަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައެވެ.

ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް "ޕުރޯޓޯ - އިންޑޯ - ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުޅުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ.