ށ. ޅައިމަގު ބޯޓެއްގައި މަސައްކަތް ކުރަނިކޮށް މަރާލި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަަލާގެ ހެކިބަސް ނެގުން މިމަހު ނިންމާލަން ހަމަޖައްސައިފި އެވެ.
2019 ވަނަ އަހަރު ބޯޓުގައި ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފެއްތިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވަކުރަނީ ބަންގްލަދޭޝްގެ ތިން މީހެއް ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމާއި އެމްޑީ އަހްތަރުގެ މައްޗަށެވެ. ލުތުފަރުގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ. ފެނުނީ މޫދު އަޑިން ހަށިގަނޑުގެ ބައެއް ބައިތަކެވެ.
އެ މައްސަލާގައި މިއަދު ހަތަރު މީހެއްގެ ހެކިބަސް ނަގަން ކްރިމިނަލް ހަމަޖެއްސިޔަސް، ނެގުނީ އެންމެ މީހެއްގެ ހެކިބަހެވެ. ދެން ތިބި ތިން ހެެކިން ހާޒިރެއް ނުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ވިދާޅުވީ މިމަހުގެ ފަހުކޮޅު ދެ އަޑުއެހުމެއް ބޭއްވުމަށްފަހު ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލާނެ ކަމަށެވެ. އެއީ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވި އެވެ.
މިއަދު ނެގީ އެ ހާދިސާ ހިނގިއިރު އެރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަނޫންގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނެގީ ބޯޓުން ގަދަ އަޑެއް އިވުނުކަން ސާބިތުކޮށް ދިނުމަށެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ ބަނދަރުގައި ހުރި ޖޯއްޔެއްގައި އޮއްވާ އެއްޗެއް ކަނޑަށް ވެއްޓޭފަދަ އަޑެއް ބޯޓާ ދިމާލުން އިވުނު ކަމަށެވެ. އެކަމަކު އެ ބޯޓު ކައިރިއަށް ނުދާ ކަމަށް އޭނާ ބުންޏެވެ.
ލުތުފަރު މަރާލި ކަމަށް އެ މީހުން ކުރިން އެއްބަސްވިޔަސް، މިހާރު ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!