މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާ، ސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މުލިއާގޭގައި، މެޑަމް ފަޒްނާއާއި ބައްދަލުކުރެއްވުމަށްފަހު ޝީޒާ ވިދާޅުވީ، އޭނާ އިސްވެ ހިންގަވާ ވީލަވް ޖަމްޢިއްޔާގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެޑަމް ފަޒްނާއާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެ ޖަމްޢިއްޔާއަށް ދިމާވާ ގޮންޖެހުންތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކާއި ގެންގުޅުއްވާ ޕްލޭނާ ތަސައްވުރާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން ޝީޒާ ވަނީ މެޑަމް ފަޒްނާ އޭނާއަށް އެ ފުރުޞަޠު ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

ޝީޒާ އިސްވެ ހިންގަވާ "ވިލަވްސް" ޖަމުޢިއްޔާއަކީ ވިލިމާލޭގައި ދިރިއުޅޭ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާއި، އެފަދަ ކުދިން ގެންގުޅޭ އާއިލާތަކަށާއި، މައިންގެ ހައްގުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ޚާއްޞަކޮށް ވިލިމާލޭގައި ދިރިއުޅޭ އެފަދަ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ގޮވާލައި، އެކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

ޝީޒާއަކީ އިޖުތިމާއީ ކަންކަމުގައި ތަފާތު ގިނަ އެންޖީއޯތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން ކޭކް އެޅުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި ޝީޒާވަނީ މެލޭޝިޔާއިން މަތީ ތަޢުލީމް ހާސިލްކުރައްވާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި 16 އަހަރު ޚިދުމަތް ކުރައްވާފައެވެ.

ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ޝީޒާގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ކޯލިޝަންގެ މައިޕާޓީއަށް ނިސްބަތްވާ ފާޠިމަތު ނާޡިމާ (ފާތުން) އެވެ.

މި އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިއްމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.