ރަސްގެފާނަށް ކިޔަމަންވާން ކަށްވަޅަށް ފުންމާލި "ކުފުރުވި ހަނދޭގިރިން" ބާވަތުގެ ހަނދޭގިރިން މިހާރުވެސް އެބައުޅޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅޫވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައި ވާއިރު، މިއަދު ވަނީ ސަރުކާރުގެ ދެ ވަޒީރަކު، ެއެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
އޭގެ ތެރެއިން އެއް ބޭފުޅަކީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ އެވެ. ޝައުނާއަކީ އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މި އިންތިޚާބުގައި ރައީސް ނަޝީދު ހުންނެވީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ފަޅީގައެވެ.
މިއަދު ފައްޔާޒަށް ތާއީދު ކުރެއްވި ދެވަނަ މިނިސްޓަރަކީ އެޑިޔުކޭޝަން މިނިސްޓަރު ޢައިޝަތު ޢަލީއެވެ. މީގެ ކުރިން ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާފައެވެ. ނަސީމަކީ ވެސް ރައީސް ނަޝީދާއި ވަރަށް އަރިސް ބޭފުޅެކެވެ.
އިންތިގެ ކެމްޕޭން ތަރުޖަމާނުކަން ވެސް ކުރަށްވާ ވައްޑެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަސްގެފާނު ވިދާޅުވިހާ ބަހަކަށް ކިޔަމަންވާން ކަށްވަޅަށް ފުންމާލި ''ކުފުރުވި ހަނދޭގިރިން'' ބާވަތުގެ ''ހަނދޭގިރިން'' މިހާރުވެސް ހަމަ އުޅެނީ ކަމަށެވެ.
"ހިތުގެ ގޮވުމާއި ޢިއްޒަތުއްނަފްސުގެ އަގުވެސް ''ވިދާޅުވިޔަތީވެ'' އެދޫކޮށްލަނީއެވެ. ފަހުން އަމާންކަމުގައި ނިދާނުލެވުނަސް ވަރިހަމަ ކޮށްލައިގެންނެވެ." ވައްޑެ ވިދާޅުވެފައިވެއެވެ.
ވައްޑެ މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފެންނަހާ މީހެއްގާތު އެސްއެމްއީ ލޯނު ދޭނަމޭ ކިޔައިގެން ވަލުދޮގު ހަދަމުން ދާކަމަށެވެ. އަދި އެކުރައްވާ ހާވެސް ކަމަކީ، އެމްޑީޕީގެ ކުރިއަށްއޮތްހާ އިންތިޚާބެއް ނަގާލުމުގެ ހީލްތްތެރި މަސައްކަތް ކަމަށް ވެސް ވިދާޅުވެފައެވެ.
މި އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!