ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

އެކޯލިޝަނުން މިހެން ބުނެފައިވަނީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރާއިރު އެ ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިޔާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރުކަމަށާއި އެއީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއްކަމުގައި ދެކޭކަމަށެވެ.

މީގެ އިތުރުން، އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަމަށާއި، އެގޮތުން ސަރުކާރުން އެފަރާތްތަކަށް މައުލޫމާތު ހާމަނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުންފަދަ ދަތިތައް ކުރިމަތި ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައި ވެއެވެ.

“މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު، އެބާރުގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުމަށް ގޮވާލަމެވެ. ރައީސުލްޖުމްހޫރިއްޔާއާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށް ގޮވާލަމެވެ، އަދި ނޫސްވެރިންގެ ތަމްރީނާއި ކުރިއެރުމަށާއި އަދި މީޑިއާތަކުގެ މަސައްކަތްތަކަށް ފަހިވާނެހެން މިދާއިރާއިން ފުރުސަތު ތަނަވަސްކޮށްދިނުމަށްވެސް ގޮވާލަމެވެ.”
އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނޫސްވެރިން އަދާކުރައްވާ ދައުރަކީވަރަށް ޒިއްމާދާރު ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކޮށް ރެއާ ދުވާލު އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވާފައި ވެއެވެ.