މި މަހު 14 ވަނަ ދުވަހު އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރައްވާނެކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނާ "އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް" ގެ އިންތިޚާބަށް ގޮވައިލުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ ފަޔާގެ ހިންގާލަން ޓީމުން ޕާޓީގެ މެންބަރުން ގާތަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރ. ދުވާފަރަށް ޒިޔާރަތް ކޮށްފައެވެ. މިއީ މި ޓީމު ޒިޔާރަތްކުރި 153 ވަނަ ރަށެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ހިމެނޭ މި ޓީމުން ރޭ ވަނީ ދުވާފަރުގައި ކެމްޕެއިން ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޔާ ވިދާޅުވީ، އެމްޑީޕީ މިހިސާބަށް އައީ 30 އަހަރުގެ ސަގާފަތެއް ބަދަލުކޮށްގެން ކަމަށެވެ. އެހެންކަމުން ޒަމާނާއެއްގޮތަށް ކުރިއަށްދިޔުމަށްޓަކައި އެ ޕާޓީއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެ ޕާޓީއަށް އަލުން ވެރިކަމަށް އާދެވުނީ މެންބަރުންގެ ވަރަށް ބޮޑު ގުރުބާނީއަކުން ކަމަށާއި، މެންބަރުންގެ ބުރަ މަސައްކަތުން ދާ އޮހޮރުވައިގެން ޕާޓީއަށް އަލުން ފުރުޞަޠު ހޯދައި ދިނުމުން، މެންބަރުން ހޯދައިން ކަންތަކުގައި ކޮޅުފައިން ޖަހައި އެއްލައިލުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ.

ފަޔާގެ ވާހަކާގައި ވަނީ އޭނާ ޕާޓީގެ ހިންގުމަށް ގެންގުޅުއްވާނެ ތަސައްވުރުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ޕާޓީގެ ގޮފިތައް ހިންގާލައި، ޕާޓީގެ ހަރަކާތްތައް އެއްވާމެއްގައި ގެންދިޔުމަށްޓަަކައި ޕާޓީއަށް އަހަރަކު ލިބޭ 15 ވަރަކަށް މިލިއަން ރުފިޔާގެ 60 އިންސައްތަ ގޮފިތައް ހިންގަން ދޫކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.

''ޕާޓީގެ އަންހެނުންގެ ރޫޙެއް އޮންނަތާ 13 އަހަރުވީ، އިންތިޚާބު ނުބޭއްވި 8 އަހަރުވީ، ވަކި ބޭފުޅަކު އިންތިޚާބުވެފައި ހުރީތީވެ އެ އިންތިޚާބު އިތުރަށް ނުބާއްވާ ދަންމާލީ، މި ބަދަލުވާން އެބަޖެހޭ އަޅުގަނޑުމެން ބަދަލުކުރާނަން މިކަންތައްތައް" ފަޔާގެ ވާހަކާގައި ވިދާޅުވެފައި ވެއެވެ.

ފަޔާ ވިދާޅުވީ، އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހަކީ ޕާޓީގެ އަސާސީ ޤަވާޢިދުގައި އޮންނަ މަޖިލީހެއް ކަމަށެވެ. ނަމަވެސް އޭނާ ޕާޓީގެ އިސް ސަފަށް ވަޑައިގެންފަހުން މި މަޖިލީސް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

"އުވާލިތަނެއް ވެސް ނުދެކެން، އެކަމަކު އަޅުގަނޑުމެންގެ މަޖިލިސް މެންބަރުންނާއި ދާއިރާ ރައީސުން ކޮބާހޭ އޭގެ އިންތިޚާބު އެވާހަކަ ދައްކާ އަޑުއިވޭ، އިރާދަކުރެއްވީ މޭ 14 ގައި އަޅުގަނޑު މި މަޤާމަށް އިންތިޚާބުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެކަމަކީ މި އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިޚާބަށް ގޮވައިލުން" ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ އެމްޑީޕީގެ ކަންކަން ކުރެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން ކަމަށެވެ. އަދި އެ ޕާޓީއަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން "އިނގިލި ދިއްކުރަމުން ދިޔުން" އެއީ ގޯހެއްކަން ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރެވޭނީ އަސާސީ ގަވާއިދުގައި ހުރި ރަނގަޅުކަންކަން، ޚާއްޞަކޮށް ދީނާއިގުޅޭގޮތުން ހުރި ކަންކަން ރައްޔިތުންނަށް ދެއްކިގެން، ފެނިގެން ކަމަށެވެ. އަސާސީ ޤަވާއިދުގައި އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހެއްގެ ވާހަކަ އޮވެމެ، އެ މަޖިލިސް އިންތިޚާބުނުކޮށް އޮތުމުން އެވާހަކަ ދައްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަޔާގެ ވާހަކާގައި ވަނީ އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިއްޖެނަމަ މިއަދު ޕާޓީގެ އިސް ސަފުގައި ތިއްބެވި އެއްވެސް ބޭފުޅަކު ޕާޓީކަމެއްގައި ނުވަތަ ސިޔާސީ ކަމެއްގައި ޕާޓީގެ މެންބަރުން ގާތަށް ދެން ވަޑައިގަންނަވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ މެންވަރުން ނުކުމެ ވެރިކަން ހޯދައިދީ، ރައްޔިތުންގެ މަޖިލިސްގެ ފުރިހަމަ އަޣުލަބިއްޔަތު ވެސް ހޯދައިދީފި ކަމަށް ވިދާޅުވިއެވެ.

"މި ހުރިހާކަމެއް އޮވެމެ، ބައިކޮޅަށް ގޯލްޖަހާފައި، އަޅުގަނޑުމެންގެ ތެރެއިން އިދިކޮޅަށްނުކުމެ ގޯލްޖަހާފައި މިކަންކޮށްފައި ދެން އޮފްސައިޑޭ ކިޔާފައި ތިބޭފުޅުން ކައިރިއަށް އައިސްގެންނުވާނެ، އަޅުގަނޑުމެން އެފުރުޞަތެއް ނުދޭނަން" ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބަސް ބުނުމުގެ މިނިވަންކަމާއި، ދެކޭގޮތް ހާމަކޮށް ގެއްލުނު ހައްޤުތައް ހޯދަން ވަކާލާތުކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެއްޖެ ކަމަށާއި، އެ މަސައްކަތުގައި ތިއްބައި އެތައް ބަޔަކު މިހާރު މި ދުނިޔެއާއިވެސް ވަކިވެގެން ހިނގައްޖެ ކަމަށެވެ. އެ ބަދަލު ގެނެސް، އެކަންކަމަށް ވަކާލާތު ކުރީ އެމްޑީޕީން ކަަމަށާއި، އެ ބަދަލު މިއަދު އެމްޑީޕީގެ ތެރެއިން އަންނަން ފެށުމުން އެކަން ކަމުނުގޮސްގެން ޕާޓީތެރޭން ބަޔަކު ކަންބޮޑުވެ ރުޅިއައުމަކީ ހިތާމަހުރިކަމެއްކަމަށް ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ ދުވާފަރަކީ ކެމްޕެއިންގައި ވަޑައިގަތް 153 ވަނަ ރަށް ކަމަށާއި، މިހާތަނަށް ސާފުވި ކަމަކީ އެމްޑީޕީގެ މެންބަރުން ސަރުކާރާ ފެޔަށ ޖެހެން ބޭނުން ނޫންކަމެވެ. އަދި ރައްޔިތުން ވެސް ތިބީ އެގޮތުގައި ކަަމަށެވެ. އޭނާއާއި، ހިންގާލަން ޓީމް ނުކުމެތިއްބެވީ ހަމަހަޤީޤަތުގައި ވެސް ޕާޓީ ހިންގައިލަން ކަމަށް ވިދާޅުވިއެވެ. ނުކުމެތިއްބެވީ ޕާޓީ ހިންގައިލައިގެން 2023 އާއި މުސްތަޤްބަލް ކަށަވަރުކުރަން ކަމަށް ވެސް ވިދާޅުވިއެވެ. ފިތުނަވެރި ޕާޓީއަކަށް ވެނުދިނުމަކީ ހިންގާލަން ޓީމުގެ އަމާޒު ކަމަށާއި، އަދި ސަރުކާރު ދިފާޢުކުރަން ނުކުންނާނީ މި ޓީމް ކަމަށް ވިދާޅުވިއެވެ.