ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

Ad
rt

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ.

މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ.

ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފުރޭ، 6 އަހަރުން ދަށުގެ ތުއްތުކުދިންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

އެމް.ވައި.އެމުން ވިދާޅުވިގޮތުގައި ތުއްތު ކުދިންނަށް ސީދާ ގޮތެއްގައި މި ހަރަކާތް ހިންގި މައިގަނޑު މަގުޞަދަކީ އެކުދިން ސްޓޭޖުމައްޗަށް ފަރިތަ ކުރުވައި އެކަންކަމަށް އަހުލުވެރިކޮށް ސްޓޭޖު ބިރު ކެނޑުވުމެވެ. މީގެ އިތުރުން މިލަންދޫއަކީ ވާދަވެރި ގިނަ މުބާރާތްތައް އަބަދުވެސް ބާއްވާ ރަށަކަށް ވެފައި، ބޮޑެތި މުބާރާތްތަކުގައި އެކުދިންގެ ހުނަރުތައް ދައްކާލުމުގައި އެކުދިންގެ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން އިތުރުކުރުވުމެވެ.

ބެލެނިވެރިންގެ ފަރާތުން މިހަރަކާތަށް ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާއިރު ބެލެނިވެރިން ފާހަގަކުރަނީ މިހަރަކާތަކީ، ތުއްތުކުދިން ސްޓޭޖުމަތީގެ ހުނަރުތައް ހުށަހަޅައިދިނުމުގައި އެކުދިންގެ ސްޓޭޖު ބިރު ކެނޑުވުމަށް އެމްވައިއެމުން އަޅައިދިން ވަރުގަދަ ބިންގަލެއްގެ ގޮތުގައެވެ.

އެމްވައިއެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 އިންސާފުވެރި ކޮށްދެއްވީ މީގެ ކުރިންވެސް ރަށުފެންވަރުގައި ބާއްވާ ބައެއް މުބާރާތްތަކުގައި އިންސާފުވެރިކަން ކޮށްދީފައިވާ އަލްފާޟިލް މުޙައްމަދު ރަޝީދާއި އިމާމް އަޙްމަދު ޙުމައިދެވެ.

މި ހަރަކާތަކީ ތުއްތުކުދިންނަށް ބޭއްުވުނު ހަރަކާތެއްކަމުން ކުދިންގެ މެދުގައި ވަނަވަނައެއް ނުހޮވައެވެ. ބައިވެރިވި ހުރިހާކުދިންނަށްވެސް އިންސާފުކޮށްފައިވަނީ ހަމަހަމަ އުޞޫލަކުން ހިތްވަރު ދިނުމާއި ތަޢުރީފުގެ ބަސްތަކުންނެވެ. އަދި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް މަދަޙަ ހުށަހަޅާ ނިމުމުން ސްޓޭޖުމަތިން އެސެޝަނެއްގެ ޝަރަފުވެރި މެހެނާނު މެދުވެރިކުރައްވާ ސެޓުފިކެޓާއި ހަދިޔާޕެކް ހަވާލުކޮށްފައިވެއެވެ.

އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 މިލަންދޫ ސްކޫލު މަލްޓިޕާޕޯސް ހޯލުގައި ކުރިއަށްގެންގޮސްފައިވާއިރު، މިހަރަކާތުގެ ހުރިހާ ސެޝަނެއްވެސްވަނީ ފޭސްބުކްގެ މިލަންދޫ ޔޫތު މޫވްމަންޓު ރަސްމީ ޕޭޖުން ލައިވްކޮށް ގެނެސްދީފައެވެ.

މިފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމުގައި އެކިއެކި ފަރާތްތަކުން އެކިފެންވަރުގައި ވެދެއްވި އެހީތެރިކަމަށްޓަކައި މިލަންދޫ ޔޫތު މޫވްމަންޓުގެ ފަރާތުން އެފަރާތްތަކަށް ނުހަނު އިޚުލާސްތެރިކަމާއިއެކު ވަނީ ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައިވެސް އެމް.ވައި.އެމްގެ ފަރާތުން މިފަދަ އެކިއެކި ހަރަކާތްތައް ރޭވިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.