މާދަމާ އަކީ 1443 ވަނަ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރު ވެފައިވާ ކަމަށެވެ.
މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރަން ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާ އަކީ މި އަހަރުގެ ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
"މި ހިނގާ މެއި މަހުގެ ދޭއްވާ ހޯމަ ދުވަހަކީ 1443ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަަމުގައި ކަނޑައަޅައިފީމެވެ".
ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިގޮތަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖެއިން މިގޮތައް ނިންމާއިވާއިރު، އަންނަ ހޯމަ ދުވަހަކީ ސައުދީ އަރަބިއްޔާ އަށްވެސް ފިތުރު އީދު ދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުންވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!