މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
އެ ކުންފުނިން އިއްޔެ އާއްމުކުރި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ އެމްޓީސީސީގެ ސާފު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލައި އިރު 21 އިންސައްތަ އިތުރުވުމެކެވެ. މިއީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ރެކޯޑުކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރެވުނު އަހަރުކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބުނީ އިމާރާތް ކުރުމާއި ބަނދަރު ހެދުމާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ޝީޓް ޕައިލްކުރުމުގެ މަސައްކަތުންނެވެ.
އެމްޓީސީސީގެ ރިޕޯޓްތައް ދައްކާގޮތުގައި މިދިޔަ އަހަރި 57 މަޝްރޫއެއް އެ ކުންފުންޏާ ހަވާލު ކުރިއެވެ. އަހަރު ނިމުނު އިރު 27 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.
އެމްޓީސީސީގެ މަޝްރޫއެއް ކުރިއަށް ނުދާ އެންމެ އަތޮޅެއްވެސް މިވަގުތު ރާއްޖޭގައި ނެތެވެ. އަދި މިވަގުތު އެކި މަރުހަލާގައި 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!