ގެރިކިރު ކޭކަކީވެސް މި ރޯދަމަހު ވަރަށް ގިނަ ސުފުރާތަކުން ޖާގަ ހޯދި ގިނަބަޔެއްގެ ފެވަރިޓެކެވެ.

މިއަދު މިލިޔަނީ ގެރިކިރު ކޭކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ގޮތެކެވެ. އައިސްކްރީމާއި އެކު ގެރިކިރު ކޭކު ރަހަބަލާލަން ތައްޔާރުކޮށްލާށެވެ. ޔަގީނުންވެސް ކުދިވެރިންގެ ތަރުހީބު ލިބޭނެ އެވެ.

Ad
rt

ބޭނުންވާތަކެތި

1 ދަޅު ގެރިކިރު
1/2 ޖޯޑު ފުށް
3 ސަމްސާ ބަޓަރު
1 ސަމްސާ ބޭކިން ޕައުޑަރ
3 ބިސް
1/4 ސައި ސަމްސާ ލޮނު
1 ސައި ސަމްސާ ވެނީލާ އެސެންސް

1 ލީޓަރ އައިސް ކްރީމް (ވެނީލާ ނުވަތަ ބޭނުން ވައްތަރެއް)

ކޭކު މަތި ގާނިޝް ކުރުމަށް، ގާނާފައި ހުރި ޗޮކްލެޓް ނުވަތަ ޕިސްޓާޝިއޯ (ކުޑަކޮށް މުގުރާފަ) ނޫނީ ކޮކޯ ޕައުޑަރ

ތައްޔާރު ކުރާނެގޮތް

ބަޓަރާއި ބިސް އެއްކޮށް ގިރާލާށެވެ. އެއަށްފަހު ލޮނު، ބޭކިން ޕައުޑަރ، ފުށް އަދި ގެރިކިރު އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ބޭނުން ނަމަ މިކްސްޗަރުންވެސް ގިރާލެވިދާނެ އެވެ. ނޫނީ އަތުން ވެސް ގިރާލެވޭނެއެވެ.

ޓްރޭ ގައި ބަޓަރު ހާކާލާފައި މައްޗަށް ފުށްކޮޅެއް އަޅާލާފައި ގިރާފައި ބެހެއްޓި ކޭކު ފުއްގަނޑު އަޅާފަ އަވަނަށްލާ ފިހެލާށެވެ. ފިހާނީ އެހާ ހަރު ނުވާ ވަރަށް ކޭކު މައްޗަށް މަޑު މުށިކުލައެއް އަރަންދެންނެވެ.

ފުރަތަމަ ފިހާނީ 180 ޑިގުރީގައި 25 މިނެޓެވެ. އެއަށް ފަހު 150 ޑިގުރީ އަށް ހޫނުމިން ދަށްކޮށް އިތުރު 10 މިނެޓް ވަންދެން ފިހެލާށެވެ. އެކި އަވަނުގައި ހޫނު މިން ތަފާތު ވާނެ އެވެ. ވީމާ މިކަމަށް ސަމާލު ވާން ވާނެއެވެ.

ކޭކު ހެޔޮވަރަށް ފިހެވުނީމައި ހިހޫ ވަންދެން ބަހައްޓާލާށެވެ. ހިހޫވީމަ މެދުން ދެފޮއްޗަށް ވާގޮތަށް ކަފާލާށެވެ. އެއް ފޮތި މަތީ އައިސް ކްރީމް ލޭޔާ އެއް އަޅާލާށެވެ. އެއަށްފަހު އަނެއް ފޮތި މަތީ ބާއްވާފައި އަނެއް ކާވެސް އައިސް ކްރީމް ލޭޔާއެއް އަޅާލާށެވެ. އައިސް ކްރީމް އަޅަން ފަސޭހަ ވާނީ ފްރިޖް އިން ނަގާފަ އިރު ކޮޅެއް ވީމަ އެވެ. ނަމަވެސް އެއްކޮށް މެލްޓް ވަންދެން ނުބަހައްޓާ އަޅަން ވާނެއެވެ. އައިސް ކްރީމް އަޅާނިމުނީމަަައި މައްޗަށް ޗޮކްލެޓް ނުވަތަ ޕިސްޓާޝިއޯ ނޫނީ ކޮކޯ ޕައުޑަރ އިން ގާނިޝް ކޮށްލާފައި ރޯދަ ވީއްލަންދެން ފްރިޖްގައި ބަހައްޓާށެވެ.

މާކުރިން މޭޒުމައްޗަށް ނަގައިފި ނަމަ އައިސްކްރީމްތައް ދިޔާވެދާނެކަމަށް ސަމާލުވާން ވާނެ އެވެ.