އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިއްޖެއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ޗެލްސީގެ ކައި ހަވާޓްޒްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. ކަންޓޭ ހުސް ކޮށްލާފައި ދިން ބޯޅައެއް ހިފައިގެން ޔުނައިޓެޑްގެ އޭރިއާގެ ތެރެއަށް ވަދެ ހަވާޓްޒް ފޮނުވާޅި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. އެއަށްފަހު ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ހަވާޓްޒް ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާގެ ވެސް ހުރަހަލަށް ވީ ރޭ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޑެހެއާއެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ނަމަވެސް، ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ލަނޑު ޖަހައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ރީސް ޖޭމްސް ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ހަވާޓްޒް ބޮލުން ޖައްސާލި ވަގުތު އެ ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެލަންސޯއެވެ.

ޗެލްސީން ލީޑު ނެގިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭ ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައއެވެ. މި ލަނޑު 63 ވަނަ މިނެޓުގައި މަޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ޕްރިމިއާ ލީގުގައި ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ. އަދި ޕްރިމިއާ ލީގުގައި ރޮނާލްޑޯ ޖެހި 101 ވަނަ ލަނޑެވެ.

ފަހަކަށް އައިސް ޔުނައިޓެޑްގެ ނަތީޖާތައް ވަރަށް ބޮޑަށް ވަނީ ދައްވެފައެވެ. އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ޔުނައިޓެޑް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނަތީޖާތައް ދައްވުމާއި ގުޅިގެން ރޭގެ މެޗުގައި ސަޕޯޓަރުން ވަނީ ކުލަބުގެ ވެރިންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މިވަގުތު ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު، ކުޅުނު 33 މެޗުން ލިބުނު 80 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނާގައި 33 މެޗުން ލިބުނު 79 ޕޮއިންޓާއިއެކު އޮތީ ލިވަޕޫލެވެ. ތިންވަނާގައި 33 މެޗުން ލިބުނު 66 ޕޮއިންޓާއި އެކު ޗެލްސީ އޮތްއިރު، ހަތަރުވަނާގައި އޮތީ 33 މެޗުން ލިބުނު 60 ޕޮއިންޓާއިއެކު އާސެނަލްއެވެ. ފަސްވަނާގައި 33 މެޗުން ލިބުނު 58 ޕޮއިންޓާއިއެކު ޓޮޓެންހަމް އޮތްއިރު، ހަވަނާގައި 35 މެޗުން ލިބުނު 55 ޕޮއިންޓާއި އެކު އޮތީ ޔުނައިޓެޑެވެ. ހަތްވަނާގައި 34 މެޗުން ލިބުނު 52 ޕޮއިންޓާއި އެކު އޮތީ ވެސްޓްހޭމްއެވެ.