މާލެއާއި އަތޮޅުތެރޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖޭންސީ، (އެޗް.ޕީ.އޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މަގުމައްޗާއި، ގޯތިތެރެއާއި ވައިގޮޅިފަދަ ތަންތަނަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށް ކުނި އުކާލުމާއި، ކުނިއުކާލާ ޑަސްބިންފަދަ ތަކެތި ފެން ނޭޅޭގޮތަށް މަތިބަންދުކޮށްފައި ބެހެއްޓުންވެސް ހިމެނެއެވެ. މީގެ އިތުރުން މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ފަދަ ތަކެތި ބޭނުން ކުރަންވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ.

ޑެންގީ ގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއެކު ހުން އައުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ހުން އަންނަނަމަ، ގިނައިން ދިޔާތަކެތި ބޭނުންކުރުން، އަރާމުކުރުން، ޕެރެސިޓަމޯލް (ޕެނެޑޯލް/ އުފަމޯލް/ ކެލްޕޯލް ފަދަ) ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމާއި 3 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ކުޑަކަމު ދެވޭ މިންވަރު މަދުވާ ނަމަ، ނުވަތަ އާދައާއިާ ޚިލާފަށް ވަރުދެރަވާނަމަ ނުވަތަ ހަށިގަނޑުގެ އެއްވެސް ތާކުން ލޭ އަންނަނަމަ، ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުން ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

ކޮންމެ އަހަރަކުވެސް ޑެންގީ އިތުރުވާ ދުވަސްވަރާ ދިމާކޮށް މަދިރިއާލާވުން މަދު ކުރުމަށާއި، ޑެންގީ ބައްޔަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި، ޑެންގީބަލި ދެނެގަތުމާއި ފަރުވާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވެއެެވެ. މިގޮތުން މިދުވަސްވަރު ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓަރކޮށް، ޑެންގީ ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕޭނުތައް ރާވާ ހިންގުމާއި، އެކި މުއައްސަސާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކޮންމެ އަހަރަކުވެސް އަންނަނީ ކުރަމުންނެވ.

މަދިރިއާލާވުން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި، ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ވަކި ވަކި ފަރުދުންގެ ބައިވެރުވުމަކީ މުހިއްމުކަމެކެވެ.