ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން މި މަހުގެ 24 ވަނަ ދުވަހު ވިދާޅުވުމުން ބަހާއި، ޤައުމިއްޔަތުގެ ލޯބިން އުތުރިއަރާ އެތައް ހިތްތަކެއްގެ ޝުޢޫރުން މީސްމީޑިއާ ބަންޑުންވަމުންދާތީ ފެނުނެވެ.

އޭގެ ތެރެއިން ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަދި އެވިޑް ކޮލެޖްގެ އާޓްސް އެންޑް ލިޓްރޭޗާ ފެކަލްޓީގެ ޑީންއެއްގެ ގޮތުގައި މިހާރު ހުންނެވި އަޝްރަފް އަލީގެ ޝުޢޫރަށް މިތާނގައި ބަލައިލާނަމެވެ.

Ad
rt

އަޝްރަފްގެ ޝުޢޫރު ފެށިގެން އައީ "ދިވެހިބަހަކީ ދިވެހީންގެ ފަޚުރާއިޝަރަފެވެ! ދިވެހީންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒެވެ! ދިވެހީންގެ ސުލްހަޔާއި އެއްބައިވަންތަކަމުގެ އަސްލެވެ! ދިވެހި ގައުމިއްޔަތުގެ ފުރާނަައެވެ!" ވިދާޅުވަމުންނެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި ދިވެހި ގައުމު ކުރިއަރާން ވާނީ ދިވެހިބަހާ އެކުގައި ކަމަށެވެ.

"އިކްރާމަކީ ދިވެހިބަހުގެ ކުރިއެރުމަށް ޓަކައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ! އިކްރާމް ޓްރާންސްޕޯޓުގައި ހުންނެވި ދުވަސްވަރާއި އޭގެ ފަހުން މަޖިލީހަށް ވަޑައިގަތުމާ ދެމެދު ހުންނެވި ހުންނެވުމުގައި ދެތިން ފަހަރަކު ދިމާވެ ވާހަކަ ދެކެވުނެވެ. އޭރު ދެއްކެވި ވާހަކަފުޅުތަކުގެ މައުޒޫއަކީ ދިވެހިބަސް ދިރުވާން ކުރަން ޖެހޭ މަސައްކަތްތަކުގެ މުހިންމުކަމެވެ. ގައުމީ ބަހުގެ މުހިންމު ކަމެވެ. އޭރު އިކްރާމްގެ ގައުމީ މާ ބޮޑު ބާރުވެރިކަމެއް ނުވަތަ އެފަދަ ހައިސިއްޔަތެއް ނެތެވެ،" އަޝްރަފް ވިދާޅުވެފައިވެއެވެ.

އަޝްރަފް ވިދާޅުވީ، އެހެންނަމަވެސް މިއަދު ބަސްފުޅު ވިދާޅުވެ ތަންފީޒުކުރެއްވޭނޭ ހައިސިއްޔަތު ލިބިވަޑައިގަތުމުން ދައްކަވާ ވާހަކަފުޅު މުޅީން ތަފާތުވެއްޖެކަމަށެވެ.

"މިއީ ދިވެހިބަސް ދަމަހައްޓަވާން ބާރު އަޅުއްވަން އިކްރާމަށް ﷲ ދެއްވި ފުރުސަތަކަށް ވެސް ވެދާނެއެވެ! ވަގުތު އަބަދަކު ދެމިއެއް ނޯވެއެވެ! ތިމާގެ އަމިއްލަވަންތަކަން ނަގައިލައި ހޯދޭނެ ކުރިއެރުމަކީ ކޮބައިތޯ ހަގީގީ ހިތްޕުޅަކުން މިފަދަ ބޭފުޅުން ވިސްނައިވަޑައިގަންނަވަން ޖެހެއެވެ! ފަހަރުގައި އިކްރާމް ވިދާޅުވެފައި މިވާ ފަދައިން ވެއްޖެ ނަމަ ވެދާނެ ގޮތަކާ މެދު އިކްރާމް ވިސްނައިވަޑައިގެންނެވިބާވައެވެ!" އަޝްރަފް ވިދާޅުވެފައި ވެއެވެ.

ގައުމެއްގެ ނިސްބަތުގައި އެ ތަނެއްގެ އަމިއްލަބަހާއި އަކުރަކީ ކިހައިވަރެއްގެ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކަށް އިކްރާމް ވެވަޑައިގަންނަވާ ހިނދު، މި ފަދަ ވާހަަކަފުޅު ދެއްކެވީމާ އެ ޖެއްސެވެނީ ގައުމީ ހިތުގައިކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ބަހަކީ މާތް ﷲ ދެއްވައިފައިވާ ނިޢުމަތެއް ކަމަށާއި، މި ކަން ކީރި މާތް ކަލާމްފުޅުން ދަސްކުރަން އަޝްރަފް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

"ދިވެހީން ދިވެހީންގެ ގައުމިއްޔަތު އެއްލައިލައިފައި ހޯދަން އެދޭން އޮތީ ކޮން ކުރިއެރުމެއްތޯއެވެ! މިއީ "އޯކޭ" ނުވަތަ "ވަރިހަމަ" ކަމަކަށް ނުހައްދަވާށެވެ' މިއީ ސީރިޔަސް ކަމެކެވެ. މިއީ، ގައުމީ މަސްލަހަތާއި ސުލްހަޔާއި އަމަންއަމާންކަމާއި ގައުމީ އަމިއްލަވަންތަކަމުގެ އަގާއި ގަދަރާއި ހައިބަތު މުލުން ލުހެވި ގައުމީ އިމާރާތް ރޫޅި ވެއްޔާ މޮޑެވިގެން ހިނގައިދާން އިއްވުނު އިންޒާރެއްގެ ރަނގަބީލެއްގެ އަޑެކެވެ!" -އަޝްރަފް ޢަލީ-

އަޝްރަފް ވިދާޅުވެފައި ވަނީ، ސަހަލުސަހަލުކޮށް މި ކަމާ މެދު ނުވިސްނުމަށް އެދިވަޑައިގެންފައެވެ. އަދި ދައްކާން ޖެހޭ ވާހަކަތަކާއި ނުދައްކާން ޖެހޭ ވާހަަކަތައް ހުންނާން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިއީ ޒަމާންވީ ފަޚުރުވެރި އަމިއްލަވަންތަކަމެއްގެ ޝަރަފްވެެރި އާދަކާދައެއް ހިއްސާ ކުރާ އަޅުގަނޑުމެން ފަދަ ދިވެހީން ދައްކާ ޒާތު ވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖެހޭނީ ހައިސިއްޔަތެއް ލިބުމުން ގައުމީ ނިދާ ބާރަށް އިއްވާށެވެ! ގައުމިއްޔަތަށް މީރުމީރު ތާޒާތާޒާ ފެންދޭށެވެ! ފަޚުރުވެރި ދިވެއްސެއްކަމުގެ ހަގީގީ ލޯބީގެ ވިންދު މަޖިލީހުގެ ތެރެއިންނާއި ރާއްޖޭގެ އުތުރާއި މެދާއި ދެކުނުން ޖަހާ ކަމުގެ ހަގީގީ އުފާ ތިމަތިމާމެންނަށް ލިބޭނީ އޭރުންނެވެ! ބަހަށް ނެތް ލޯތްބެއް ވަޠަނަށް ހުރުން އެއީ މުސްތަހީލު ކަމެކެވެ!" -އަޝްރަފް ޢަލީ-

އަޝްރަފް ޝުޢޫރު ފާޅުކުރައްވަމުން ވަނީ، ދިވެހި އަދަބު ދުށް ކުޅަދާނަ އަދީބު އައްޝައިޚް ޢުމަރު ޢީސާ ވިދާޅުވެފައި ވާ ބަސްފުޅާމެދު ފިކުރު ހިންގައިލުމަށް އޭނާގެ ބަސްފުޅެއް ގެންނަވާފައެވެ. "ކުރިއަރައިގެން ދިޔަ ކޮންމެ ޤައުމެއް ކުރިއަރަމުން ދިޔައީ އެމީހުންގެ ބަހާ އެކުގައެވެ. ވެއްޓެމުން، ވަޅުޖެހެމުން، ވަޅުލެވެމުން ދިޔަ ކޮންމެ ބަޔަކާ އެކު، އެމީހުންގެ ބަހަށް ވެސް ދިޔައީ އެ ވީ އެއްޗެއް ވަމުންނެވެ." އެ ބަސްފުޅުގައި ވެއެވެ.

ކުރިއަރައި ދިޔަ ގައުމުތައް ކުރިއެރި މަގުތަކާއި ކުރިއަރަމުން އަންނަ ގައުމުތައް ކުރިއަރަމުން އަންނަ މަގުތަކާއި ގޮތްފޮތް އަޅުގަނޑުމެން ހަގީގީ ލޯތަކުންނާއި ހިތްތަކުން ބަލައިލުމަށާއި، ޚިޔާލުފާޅުކުރުމުގެ ކުރިން އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އިސްނުކޮށް ގައުމީ މަސްލަހަތު އިސްކުރަމަށް އަޝްރަފް ވަނީ އެދިވަޑައިގެންފައެވެ.

މެންބަރު އިކްރާމްގެ މިޚިޔާލާއި ގުޅިގެން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާޙީމް ވިދާޅުވެފައި ވެއެވެ.

"އެބައެއްގެ ބަސް ދޭހަނުވާ ބަޔަކަށް އެބައެއްގެ ސަގާފަތް ދޭހައެއްނުވާނެއެވެ. އެބައެއްގެ ސަގާފަތް ދޭހަނުވާ ބަޔަކަށް އެބައެއްގެ ގައުމު ދޭހައެއްނުވާނެއެވެ. އެބައެއްގެ ގައުމު ދޭހަނުވާ ބަޔަކަށް އެބައެއްގެ މިނިވަންކަން ދޭހައެއްނުވާނެއެވެ. އެބައެއްގެ މިނިވަންކަން ދޭހަނުވާ ބަޔަކަށް އެބައެއްގެ އަޅުވެތިކަން ވެސް ދޭހައެއްނުވާނެއެވެ." -އާދަމް ނަސީރު އިބްރާޙީމް-