ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލިކަމުގެ ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން، މީހަކަށް ހަމަލާދޭނެ ގޮތެއް ބަލަން ފޯނުން ސާޗްކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރާއްޖޭގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ "ހައު ޓު ނޮކް ސަމްވަން އައުޓް" ލިޔެފައި އިންޓަނެޓްގައި ސާޗްކުރި ކަން އޭނާގެ ފޯނުގެ ފޮރެންސިކް ރިޕޯޓުން ހާމަވާ ކަމަށެވެ.
މޭރީ މަރާލި ވަގުތު އޭނާއާ އެކު ގޭގައި ހުރީ މާވިންކަން އޭނާގެ އަމިއްލަ ބަހުން އެނގޭއިރު، އޭނާ މަރުވެފައިވަނީ ބޮލާއި ކަރަށް ހަމަލާދިނުމުން ކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭތީ އެކަންކުރީ މާވިން ކަމުގެ ހެކި ހުރި ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު މަރާލަން ބޭނުންކުރި ހަތިޔާރެއް ނޭނގޭ ކަމަށް ދައުލަތުން އެއްބަސްވި އެވެ.
މާވިންގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ އިންޓަނެޓްގައި މީހަކު އެއްޗެއް ސާޗްކުރުމަކީ އެވަރުގެ ތުހުމަތެއް ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
ދައުވާ އިއްވުމުން ދިފާއީ ވަކީލް ވިދާޅުވީ މާވިންގެ ފަރާތުން މޭރީއަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި އެހެންވެ، އޭނާ ވިދާޅުވީ މާވިން ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
ލަމްހާ އާއި މާވިންއަށް ދައުވާ ކުރާއިރު ދެ މީހުންގެ ބައި ކޯޓުގައި ވަކިން ކުރިއަށް ގެންދާތީ މާވިންގެ ފަރާތުން ޝަކުވާކުރި އެވެ. އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ވިދާޅުވީ އިބްތިދާއީ މަރުހަލާ ނިމުމުން ދެ މީހުންގެ ބައި ކުރިއަށް ގެންދާނީ އެއްކޮށް ކަމަށެވެ.
މާވިންގެ ބަންދު ދަމަހައްޓަން ދައުލަތުން މިއަދު އެދުނެވެ. ބަންދުން ދޫވާން އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް، މާވިންގެ ފަރާތުން ވެސް ބޭނުންވީ ބަންދު ދަމަހައްޓައި ދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!