ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާއި ބައްދަލުކުރި މެޗުން ބާސާ ބަލިވެއްޖެއެވެ. މި މެޗުން ބާސާ ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި ބައްޔާއެކު ބާސާ މި ވަނީ އެ ޓީމްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން އަމިއްލަ ދަނޑުގައި ބަލިވެ މުބާރާތުން ބާސާ ކެޓި މެޗުގެ އިތުރުން ލީގުގައި ބާސާ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކާޑިޒްއާއި އަދި ވަޔެކޯނޯ އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވެސް މި ވަނީ ބަލިވެފައެވެ.
މީގެ ކުރިން ބާސާގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައި ވަނީ 1998 ވަނަ އަހަރުއެވެ. އޭރު ކޯޗަކަށް ހުރީ ނެދަލެނޑްގެ ލުއިސް ވެން ހާލެވެ.
ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ވެޔެކާނޯއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ވަޔެކާނޯގެ ޕްލަޒޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަލްވާރޯ ގާސިއާއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވެފައި ވަނީ ވަޔެކާނޯގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާ ފެނިގެން ގޮސްފއި ވަނީ އެޓޭކަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކުޅުނު މަންޒަރެވެ. މިގޮތުން އެ ޓީމުން އެޓޭކްތަކެއް އުފެއްދި އިރު، ބާސާގެ މެންފިސް ޑިޕާއީ ފޮނުވާލި ދެ ހަމަލާ ވެސް ވަޔެކާނޯގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ އިތުރު ވަގުތު ތެރޭ ބާސާގެ އެޑަމާ ޓްރައޯރޭ ފޮނުވާލި ހަމަލާ ބޭރުވެފައި ވަނީ ވަޔެކާނޯގެ ކީޕަރުގެ އަތުގައި ޖެހިފައި ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ބާސެލޯނާ މި މެޗުން ބަލިވުމާއިއެކު ލީގު ތަށި ކަށަވަރު ކުރުމަށް އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ރެއާލް އަމިއްލަ ދަނޑުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އެސްޕަނިޔޯލްއާއި ބައްދަލުކުރާ މެޗުން ޕޮއިންޓެއް ލިބުނު ކަމުގައި ވިޔަސް އެ ޓީމަށް ލީގު ކަށަވަރުވާނެއެވެ.
ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު 33 މެޗުން ލިބުނު 78 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބާސާ އޮތީ ކުޅުނު 33 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި 33 މެޗުން ލިބުނު 63 ޕޮއިނޓާއިއެކު ސެވިއްޔާ އޮތްއިރު ހަތަރު ވަނާގައި 33 މެޗުން ލިބުނު 61 ޕޮއިންޓާއި އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!