އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ އިތުރު ދެ ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

އެ ޕްރޮގްރާމުގައި އަލަށް ބައިވެރިވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

Ad
rt

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާއަށް ނުވަތަ އާމްދަނީއަށް އަސަރުކުރި މީހުންނަށް އެހީ ދިނުމަށް ހިންގާ އިންކަމް ސަޕޯޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެމްއޭސީއެލުން އެސިސްޓަންޓް ޓެކްނީޝަން ފެންވަރުގައި މީހުން ތަމްރީންކުރާނެއެވެ. އެގޮތުން އިލެކްޓިކަލް، ވެލްޑިން އަދި ރެފްރިޖެރޭޝަންގެ ދާއިރާއިން އެމްއޭސީއެލުން ޒުވާނުން ތަމްރީނުކުރާނެއެވެ.

ފެނަކައިން ޒުވާނުން ތަމްރީނު ކުރާނީ، ފެން ޕްލާންޓް އަދި ނަރުދަމާގެ ނިޒާމު އޮޕަރޭޓުކުރުމާއު، ކަރަންޓު ވަޔަރުކުރުމާއި މެއިންޓަނަންސް މަސައްކަތުގެ ދާއިރާއިންނެވެ.

އިކޮނޮމިކް މިނިސްޓްރީ ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ވަޒީފާގެ ބާޒާރަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދޭނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުގެ ނިޔަލަށެވެ.