ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުރިން، ދައުވާލިބޭ ހަލީމަތު ލަމްހާގެ އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ ކަަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ޅ. ހިންނަވަރު މާފިނި، ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ އަދި މޭރީގެ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުން ތުހުމަތު ކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން އުޅުމަށްޓަކައި ދެ މީހުން ރާވައިގެން މިދިޔަ އަހަރުގެ ފަހުކޮޅު މޭރީ މަރާލުމަށްފަހު އޭނާ އަމިއްލައަށް މަރުވީ ކަމަށް ދައްކަން އުޅުނީ ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނި ގޮތުގައި މާވިންއަށް ލަމްހާ ފޮނުވި މެސެޖެއްގައި "އައި ވިލް ހަންޓް ހާ ޑައުން،" މިހެން ލިޔެފައި އޮތެވެ. އެ މެސެޖަކީ މޭރީއަށް ދީފައިވާ އިންޒާރެއް ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ.
ދައުލަތުން ބުނީ އަންހެނެއްގެ ގަޔަށް އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު ވެސް މާވިންއަށް ލަމްހާ ދީފައިވާ ކަން މެސެޖްތަކުން ހާމަވެ އެވެ. އަދި ލަމްހާގެ ގެއިން މަނާ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެއަށް އިތުރަށް ބާރު ލިބިދޭ ކަމަށް ދައުލަތުން ބުންޏެވެ. އެހެން ނަމަވެސް ލަމްހާގެ ދިފާއީ ވަކީލުން ބުނީ މާވިންއަކީ ލަމްހާއަށް ވުރެ ސީނިއާ ނަރުހަކަށް ވާތީ އިންޖެކްޝަން ޖަހާނެ ގޮތް މާވިންއަށް ކިޔައިދޭން ނުޖެހޭނެ ކަމަށެވެ.
ދައުލަތުން ތުހުމަތު ކުރަނީ މޭރީއަށް މާވިން ހަމަލާދިން ވަގުތު އެ މީހުންގެ ދަރިފުޅު ގޮވައިގެން ލަމްހާ ދިޔައީ އޭނާގެ ގެއަށެވެ. އަދި މަރާލިފަހުން އެ ކުއްޖާ ގޮވައިގެން އެގެއަށް ގޮސް، މޭރީ އަމިއްލައަށް މަރުވީކަން ދެއްކުމަށް ސީނެއް ހަދަން ލަމްހާ އުޅުނު ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ދައުލަތުން ބުނިގޮތުން ލަމްހާ އެގެއިން ނިކުމެގެންދާ ކޮންމެ ވަގުތަކު ވެސް އިނގިލީގެ ނިޝާންތައް ފޮރުވުމަށްޓަކައި ޓީޝާޓެއް ބޭނުންކުރި އެވެ. ކުށެއް ނުކުރާ މީހަކު ނަމަ، އެފަދަ ގޮތަކަށް އުޅެންވީ ކީއްވެގެންތޯ ދައުލަތުން ސުވާލު އުފެއްދި އެވެ.
ދައުވާ ސާފުނުވާ ކަމަށް ބުނެ ލަމްހާގެ ވަކީލުން ގިނަ ސުވާލުތަކެއް އުފެއްދި އެވެ. ދައުލަތުން ތަފްސީލުތައް ކިޔައި ދިނުމުން ގާޒީ ނިންމެވީ ދައުވާ ސާފުކޮށްދެވިފައިވާތީ ޖަވާބުދާރީވުމަށެވެ. ލަމްހާ ނިންމީ ދައުވާއަށް އިންކާރު ކުރުމަށެވެ.
އޭނާގެ ބަންދު މުރާޖާ ކުރުމުގެ އަޑުއެހުން މި ހަފުތާ ބާއްވާނެ އެވެ. މާވިންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!