އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިހާތަނަށް ފާޅުކަން ބޮޑުގޮތެއްގައި ޔާސިރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތްކުރައްވާތަން ނުފެންނާތީ އޭނާގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކާއެކުގައި ކަން މިހާތަނަށް އޮތީ އާންމުންނާ ހަމައަށް ތިލަނުވެއެވެ.
ޔާސިރަކީ ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީގެ މެންބަރުންގެ މެދު ތާއީދު ބޮޑު، ނުފޫޒު ގަދަ މެންބަރެެއް ގޮތުގައި ފާހަގަކުރެވޭ މެންބަރެކެވެ.
ފައްޔާޒަށް ތާއީދު ކުރަށްވާކަން ރަސްމީކޮށް ހާމަކުރެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް އޭނާ ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ޔާސިރު ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ދަނީ ތާއަބަދުމެ މަސައްކަތް ކުރަމުން ކަމަށެވެ. އަދިއެ އަމާޒަށްވާސިލްވުމަށް އެމް.ޑީ.ޕީގެ ވެރިކަމެއް އޮތުން މުހިންމުކަން އެއީ ފެންނަން އޮތް ހަޤީގަތެއްކަމަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރުން ފެއްޓި އެތައް މަސައްކަތްތަކެއް ވެރިކަން ވައްޓާލުމާއި ގުޅިގެން ހުއްޓުވާލައި، މުޅި ލާމަރުކަޒީ ނިޒާމް އުލު ބޭންދި. މިޕާޓީން ދިވެހިރައްޔިތުނަން ގެނެސްދެން މަސައްކަތް ކުރާ ކުރިއެރުން ދެމެހެއްޓުމަށް ދެންވެސް މިޕާޓީގެ ވެރިކަމެއް ދެމެހެއްޓުން ނުހަނު މުހިންމު ކަމުގައި ދެކެން،" ޔާސިރު ވިދާޅުވެފައިއެވެ.
ޔާސިރު ވިދާޅުވީ، އެމަގުން މިވަގުތު ކުރިޔަތް ދެވޭނީ ޕާޓީއާއި ސަރުކާރު ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ދެކޭކަމަށެވެ.
"މިމަސައްކަތް އެންމެ ރަނގަޅަށް ކުރިޔަށް ގެންދެވޭނީ ޕާޓީގެ ޗެޔާރ ޕާސަން ކަމަށް ފަޔާ އިންތިހާބު ކޮށްގެން ކަމަށް ގަބޫލު ކުރެވޭތީ، ކުރިޔަތް އޮތް ޗެޔާރ ޕާސަންގެ އިންތިހާބުގައި ފަޔާއަށް ތާއިދުކުރުމަށް ނިންމައިފިން." ޔާސިރު ވިދާޅުވެފައިވެއެވެ.
ޔާސިރު މެސެޖުގައި ވަނީ އޭނާގެ އެ ނިންމުމަށް ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް އިހްތިރާމް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާގައެވެ.
މެންބަރު ޔާސިރުގެ ތާއީދު ފައްޔާޒަށް ލިބުމުން ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުންގެ ތާއީދު ފައްޔާޒަށް ލިބުނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!