ދިވެހިރާއްޖޭގައި ފާޅުކަން ބޮޑު ޤާނޫނީ ގޯސް ހަދަން ޖާގަ ލިބޭ އެއް ސަބަބަކީ ލީގަލް ކޮމިއުނިޓީއާއި، ބާ ކައުންސިލް ބަލިކަށިވުން ކަމަށް ދައުލަަތުގެ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވުމާއެކު، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި މަހުގެ 21 ވަނަ ދުވަހު ގަރާރެއް ނެރުއްވާފައެވެ.
އެ ޤަރާރާއި ގުޅިގެން ބައެއް ޤާނޫނީ ބޭފުޅުންނާއި، އިދިކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ސާކްގެ ސެކްރެކްޓަރީ ޖެނެރަލްވެސް ކުރީން ކުރައްވާފައިވާ ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ފާޅުކަން ބޮޑު ޤާނޫނީ ގޯސް ހަދަން ޖާގަ ލިބޭ އެއް ސަބަބަކީ ލީގަލް ކޮމިއުނިޓީއާއި، ބާ ކައުންސިލް ބަލިކަށިވުން ކަމަށެވެ.
"ރޫލް އޮފް ލޯ އަށް ކިތަންމެބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވިޔަސް އަމިއްލަ ހަންގަނޑުގައި އެކަމެއް ނުޖެހޭ ހިނދެއްގައި ދުލުގައި ތަޅުއަޅުވައިގެން ތިބުން" ދިޔާނާ ވިދާޅުވެފައިވެއެވެ.
ރައީސްގެ ގަރާރާއި ގުޅިގެން ދިޔާނާ ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކީ ގާނޫނުގެ ބާރު އޮންނަ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ ގަރާރު ހުއްދަކުރާ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމް އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ހުއްދަކުރާ ތިން މަސްދަރެއް އޮންނަ ކަމަށާ އެއީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ އ އާއި 115 ވަނަ މާއްދާގެ ވ އަދި 115 ވަނަ މާއްދާގެ ގ ކަމަށް އެކަމަނާ ވިދާޅުވެއެވެ. އަދި އޭގެ މަތްލަބަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭނީ ތިން ހާލެއްގައިކަމަށާއި، އެއީ ހަނގުރާމައާ ސުލްހަ އިއުލާނު ކުރައްވަން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަން ނޫނީ ރިޔާސީ ކޮމިޝަނެއް އުފައްދަވަން ކަމަށް ދިޔާނާ ފާހަގަ ކުރަށްވާފައިވެއެވެ.
ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނާ އެއްފަދަ އެއްޗެއް ކަމަށާ ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަަ ވެފައި އޮންނަ ކަމަކަށް ވާތީ މަޖިލީސްގެ ދައުރެއް އެފަދަ ގަރާރެއްގައި ނޯންނަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނުނެރެވޭނެކަން ވަރަށް ސާފު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭ ހާލަތްތައް ކަމަށްވާ ހަނގުރާމައާ ސުލްހަ އިއުލާނު ކުރައްވަން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަން ކަމަށް ވީނަމަވެސް އެ ދެ ހާލަތުގައިވެސް އެފަދަ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ކަަމަށާއި، ގަރާރު ހުއްދަވާ ތިންވަނަ ހާލަތު ކަމަށްވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވުމަށް ގަރާރު ނެރުއްވަނީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލީހުގެ ދައުރު އޮންނަނީ ޝާމިލްވެފައި ކަމަށް ވިދާޅުވެފައިވެއެވެ.
އިސްވެ ބަޔާންކުރި ނުކުތާތައް އެހެން ހުރުމުން ރައީސްގެ ގަރާރު ހުއްދަކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމާއި އެެ ގަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި ކަމާއި އަދި އެ ގަރާރު އެއީ މަޖިލީސް އިން ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވޭ،" ދިޔާނާ ވިދާޅުވެފައިވެއެވެ.
އެ ޤަރާރާއި ގުޅިގެން މަޝްޙޫރު ޤާނޫނީވަކީލު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން ހަނިކުރެވޭނެ، އަދި ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!