ގދ. ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން އެ މަޝްރޫޢުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ކުރެވިފައިވާ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ވިލާއިން އަލުން އެ އެއާޕޯޓާއި ހަވާލުވެ، އެ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 01 މާރިޗް 2022 ގައެވެ.

Ad
rt

ވިލާއިން ބުނީ މި މަސައްކަތުގެ މުހިންމު ބައެއް މަސައްކަތްތައް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، މަޝްރޫޢު ހިންގަން ފަށާތާ ފުރަތަމަ 7 އަހަރުގެ ތެރޭގައި އެ އެއާޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަން މިހާރު ޕްލޭންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިލާއިން ހިންގާ ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ކުރެވިފައިވާ މުހިންމު މަސައްކަތްތަކަށް ބަލާއިރު، އެ އެއާޕޯޓްގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެނަސްފައިވާކަމަށް ވިލާއިން ބުނެއެވެ. މިގޮތުން މިނިވަން ވޭޖްއަށް ފެތޭގޮތަށް މަޤާމުތަކުގެ މުސާރަ ވަނީ ހަމަޖެއްސާފައެވެ. އަދި މުވައްޒަފުންނާއި ގުޅޭ ދާއިރާ އިން އިތުރު ތަމްރީނު ދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

އެ އެއާޕޯޓުގައި ބޭނުންކުރަމުން އައި އެއާރޯޑްރޯމް އެއްއަހަރު ދުވަސްތެރޭގައި ސަރޓިފައިޑް އެއަރޯޑްރޯމަކަށް ހެދުމަށް ޓާގެޓް ކަނޑައަޅާފައިވާއިރު، މީގެ އިތުރުން އެ އެއާޕޯޓްގެ ޓާމިނަލް އޮޕަރޭޝަން ހިންގަމުން އައި ގޮތަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެތެރޭގައި ހޭންޑް ބެގޭޖް ސްކްރީނިންގ މެޝިން ޑިޕާރޗަރ ހޯލަށް ވައްދައި، ޗެކިންގއޭރިޔާ ބޮޑުކުރުމާއި، ޗެކިންގ އޭރިޔާގައި މީހުންނަށް އިށީދެވޭނެ ގޮތަށް ގޮނޑިތައް ބެހެއްޓުމާއި އަދި ޑިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ) އިން ކަނޑައަޅާފައިވާ ކަންތައްތަކަށް ރިޔާޢަތްކުރުމާއި، އަންނަ ފަސެންޖަރުންގެ ލަގެޖް އަވަހަށް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި ޓާމިނަލްގެ ސްޓެރެކްޗަރ އަށް ގެންނަށް ބޭނުންވާ ބަދަލު ކުރަހައި ދާސާގެ އެޕްރޫވަލް ކުރަން ފޮނުވުން ހިމެނެއެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ސްޓޭންޑަޑަށް ކާޑެއްދޫ އެއަރކްރާފްޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ (އޭއާރްއެފްއެފް) ހެދުމަށްޓަކައި އިތުރު ފަޔަރ ލޮރީއެއް ވަނީ ގެންގޮސްފައެވެ.

ކާޑެއްދޫއަށް ބޭނުންވާ އެސް.އޯ.ޕީ ތަކާއި، މެނުއަލްތައް ހަދައި ނިންމައި ބައެއް މެނުއަލްތައް ސިވިލްއޭވިއޭޝަނާއި، ދާސާއަށް ސަބްމިޓް ކުރުމަށް މިހާރު ފޮނުވާފައިވާއިރު، އިމަޖެންސީ އެކްސަސައިޒް ބޭއްވުމަށް ބޭނުންވާ ކަންތައްތަކުގެ ތައްޔާރީތައް ޖުލައި މަހަށް ވަނީ ތާވަލުކުރެވިފައިކަމަށް ވިލާއިން ބުނެއެވެ. އަދި އެމަޖެންސީ ޕްލޭންގައި ހިމެނޭ މަޢުލޫމާތު ސަރަހައްދުގެ 3 ރަށުގެ ކަމާއިބެހޭ ހުރިހާ މުއްސަސާތަކާއި ހިއްސާކުރުމާއި، އެވެއަރނަސް ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސޭފްޓީ އަދި ސެކިއުރިޓީއާއި ގުޅޭ ކަންތައްތައް ހިންގުމަށް ޕްލޭންތައް ހަދައި އެކަން ކުރުމަށް ސާމާނު ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، 7 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ސާރވޭކުރުމާއި، ޗާރޓް ކުރެހުމުގެ މަސައްކަތްފެށި މިހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިލާއިން ބުނެއެވެ.

ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޮވެމްބަރު 2013 ގައެވެ. އެ ކުންފުނީގެ ވިލާ އެއާއިން އަނެއްކާވެސް 01 މާރިޗު 2012 ގައި އެއާޕޯޓާއި ހަވާލުވެ، އައު އުންމީދެއްގައި، ޒަމާނީ، ބޮޑެތި ބަދަލުތަކާއެކު އެ އެއާޕޯޓް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ވިލާއިން ބުނެއެވެ.

ވިލާ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ތަރައްޤީ އާއި އިޖުތިމާޢީ އާއި އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.