ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކެއުންތަކުގައި އާންމުކޮން ބޭނުންކުރާ މަހުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ ދެބާވަތަކީ ކުކުޅު މަހާއި ކަނޑުމަހެވެ.
ޑެވިލްޑް ފިސް ނުވަތަ ޑެވިލްޑް ޗިކަން ގެ މެދުގާ އަބަދުވެސް ވާދަވެރިކަމެއް އޮވެއެވެ. އެގޮތުން މި ރެސިޕީގައި މި އަލިއަޅުވާލަނީ މިދެ ކެން ތައްޔާރުކުރާނެ ގޮތެވެ.
މެރިނައިޓް ކުރަން ބޭނުންވާ ތަކެތި:
3 ޖޯޑު ބޯންލެސް ޗިކަން ނުވަތަ ކަނޑު މަސް
1 ސަމްސާ ސޯޔާ ސޯސް
1 ސަމްސާ އަސޭމިރުސް
1 ސައިސަމް ލުނބޯ ހުތް
ރަހަލާވަރަށް ލޮނު
ތެޔޮ (ޑީޕް ފްރައި ކުރުމަށް)
ކަނޑު މަސް ނުވަތަ ޗިކަންތައް ކިއުބްކޮށް ކޮށާލާށެވެ. އެއަށްފަހު ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 15 މިނެޓް މެރިނައިޓް ކޮށްލަން ބަހައްޓާށެވެ. މެރިނެއިޓް ކުރުމަށްފަހު ކުޑަކޮށް ޑީޕް ފްރައި ކޮށްލާށެވެ. ޑީޕް ފްރައި ކުރާނީ އެހާ ހަރުނުވާވަރަށް މަޑު މުށި ކުލައެއް އަރަންދެންނެވެ.
ސޯސް ތައްޔާރުކުރަން ބޭނުންވާ ތަކެތި:
1 ބޮޑު ފިޔާ
3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 ސައި ސަމްސާ އަސޭމިރުސް
1 ސައި ސަމްސާ މުގުރި ދިރި
1 ސައި ސަމްސާ ޕެޕްރިކާ ޕައުޑަރ
1 ސައި ސަމްސާ އިނގުރު ޕައުޑަރ (ޗިކަންއަށް އެކަނި)
1 ސަމްސާ އޮއިސްޓަރ ސޯސް
4 ސަމްސާ ޗިލީ ގާލިކް ސޯސް
4 ސަމްސާ ޗިލީ ސޯސް
1 ސަމްސާ ކޯން ފްލާ
1 ކެޕްސިކަމް
1/2 ބެލް ޕެޕަރ
4 އިންޗި ލީކްސް
2 ހިނކަންދި ފަތް
1/2 ގިތެޔޮ މިރުސް (ކުޅި ކުރަން ބޭނުންވާ ވަރަކަށް)
ރަހަލާވަރަށް ލޮނު
3 ސަމްސާ ތެޔޮ (ފިޔާ މީރު ކުރަން)
ތައްޔާރުކުރާނެ ގޮތް:
ތެޔޮފޮދު ތާހަށް އަޅާލާށެވެ. ހޫނުވީމައި ފިޔާ ލޮނުމެދު އަދި ހިކަނދިފަތް އަޅާ ހަނާކޮށްލާށެވެ. މީރު ކުރަމުން ގެންދަންވާނީ މަޑުގިނީގައެވެ.
ކުޑަކޮށް ހަނާވާން ފެށުމުން ކޮށާފައި ހުރި ބެލްޕެޕަރ، ލީކްސް އަދި ކެޕްސިކަމް އަޅާލާފައި ލޮނު ހެޔޮވަރުކޮށްލާފައި މަތި ޖަހާފައި 2 މިނެޓް ހަނާކޮށްލާށެވެ. ދޭތެރެއަކުން ދޭފަތުން ހާކާލަން ވާނެއެވެ. އެއަށްފަހު ދިރި، އަސޭމިރުސް، ޕެޕްރިކާ ޕައުޑަރ އަޅާފަފައި އެއްކޮށްލާށެވެ. ތަރުކާރީ ކޮޅު ރޯފިލީމައި ސޯސްތައް އަޅާލާށެވެ. އެއަށްފަހު ފްރައި ކުރި ޗިކަންކޮޅު ނުވަތަ ކަނޑު މަސް އަޅާލާށެވެ.
އެންމެ ފަހު ކަމަކަށް ފެންފޮދެއްގައި ކޯންފްލާ ގިރާލުމަށްފަހު އަޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެހި އެއްކޮށް 10 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މާ ހިކިނަމަ ފެން ފޮދެއް އަޅާފަ ހޭއޮވަރު ކޮށްލެވިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!