ޔާމީން ރަޝީދުގެ ދެ ގާތިލުން އުމުރަށް ޖަލަށްލާން ކުރި ހުކުމް އެ މީހުންގެ ފަރާތުން އިސްތިއުނާފް ކޮށްފި އެވެ.
ބްލޮގަރެއް ކަމަށްވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކްރިމިނަލް ކޯޓުން އެންގީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.
އެ ދެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވަނީ މި ހަފުތާގަ އެވެ.
ޔާމީން 2017 ވަނަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، މައްސަލަ ވަނީ ނިމިފަ އެވެ.
އޭގެ ތެރެއިން މ. ތާއިފް އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!