ދައުލަތަށް ލިބޭ އާމްދަނީ މަދުވާގޮތަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ދެކޮޅުކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރިޔާޟް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރިޔާޟް ވިދާޅުވީ، ޓޫރިޒަމް ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙްތަކުގެ ތެރެއިން ގިނަ އިސްލާޙްތަކަކީ ވަރަށް މުހިންމުކަންކަން ހިމެނޭ އިސްލާޙްތަކެއް ކަމަށެވެ. ނަމަވެސް ބިލުގައި ތާއީދު ނުކުރާ އެއް އިސްލާޙް ހިމެނޭކަމަށާއި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި ހުރި ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރުމަށް ހުށަހަޅާފައި އޮތް އޮތުމަކީ އެއްވެސް ގޮތަކަށް ޤައުމަށް، ދައުލަތަށް ފައިދާވާ ގޮތައް ހުށަހެޅިފައިވާ ހުށަހެޅުމެއްނޫން ކަމަށް ވިދާޅުވިއެވެ.

އަދި ރިޔާޟް ވަނީ އެ އިސްލާޙް އަނބުރާ ގެންދެވުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ.

"ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށް ބޮޑު، އަޅުގަނޑުމެން މިހާލަތުގައި އުޅެމުންދާއިރު އަދި ރާއްޖޭގައި ރައްޔިތުން އުޅެމުންދާ ހާލަތު ވަރަށް ގޯސް، ކަރަންޓް ބިލް ނުދެއްކިގެން، ފެން ބިލް ނުދެއްކިގެން، ސިއްހީ ގޮތުން އެތައް ޚަރަދު ތަކެއް މީހުން ކުރަންޖެހިގެން އަދި ސޯސަލް ހައުސިންގައި އުޅޭ މީހުންގެ ހާލަތު އެހާ ގޯސް، މިހާލަތުގައި އޮއްވާ ދައުލަތަށް ލިބޭ އާމްދަނީ މަދުވާގޮތަށް ވަކި ބަޔަކަށް ފައިދާވާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލު ނުކުރެވޭކަމަށް ފާހަގަ ކޮށްލަން" ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބިލު ކޮމިޓީ މަރުޙަލާގައި ކުރިއަށްދާއިރު އެ އިސްލާޙާމެދު އިތުރަށް ވާހަކަދައްކައި، އިތުރަށް މަޝްވަރާކުރެވިގެން އޭނާ ފާހަގަ ކުރައްވާ ކަންކަމަށް އިޞްލާޙު ގެންނަވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

"ހަމަ އެއާއެކުގައި އެހެން އަތޮޅުތަކަށް ލޭންޑް ރެންޓުގައި ކަނޑައަޅާފައި މިހިރަ ބްރެކެޓުތައް ހަމަ އެއްގޮތަކަށް ވެސް މިއީކީ ކޮން ދިރާސާއެއް ކޮށްގެންކަން ހަދާފައި އޮތް އެއްޗެއްކަން އެބަ އަޅުގަނޑު ހަމަ ސުވާލު އުފައްދަން. ތ. އަތޮޅަކީ 50 އަހަރު ވެއްޖެ ޓޫރިޒަމް އައިއްސަ އޮންނަތާ. ތ. އަތޮޅަށް މި އޮންނަނީ 5 ޑޮލަރު. އެންމެ ރިސޯޓެއް އޮޕަރޭޝަނަލީ." ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ބޮޑެތި އަތޮޅުތަކުގައި ހުރި ރިސޯޓު ތަކުން ނަގާ ބިމު ކުލި 2 ޑޮލަރަށް ބަދަލުކުރެވިފައި، ދެކުނު ސަރަހައްދަށް 2 ޑޮލަރު އަދި އުތުރަށް 4 ޑޮލަރަށް ބަދަލުކުރެވިފައި އޮތީ ކޮން ދިރާސާއަކުން ބަލާފައިތޯ ސުވާލު އުފެދޭ ކަމަށެވެ.

"ތ. އަތޮޅު ހިމެނޭ ބްރެކެޓުގެ ތެރޭގައި 5 ޑޮލަރު އައި ސަބަބު އަޅުގަނޑު ސާފުކުރަން ބޭނުން. 50 އަހަރު ވެގެންދިޔައިރުގައި އެންމެ ރިސޯޓެއް ފިޔަވައި އޮޕަރޭޓްކުރާ އެއްވެސް ތަނެއް ނެތް. އިޤުތިޞާދީ އެއްވެސް މަސައްކަތެއް ހިނގާ އަތޮޅެއް ނޫން ތ. އަތޮޅަކީ، ވަޒީފާގެ ރާއްޖޭގައި ރަނގަޅު ދިރާސާއެއް ކޮށްފިއްޔާ ވަޒީފާގެ ފުރުޞަތު ނެތް އެންމެ ގިނަ ޒުވާނުން ދިރިއުޅޭ އަތޮޅަށް ތ. އަތޮޅު ވެގެންދާނެ." ރިޔާޟް ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަން ކޮމެޓީ މަރުހަލާގައި ވަރަށް ބޮޑަށް ދިރާސާކުރައްވަން އާދޭހާއެކު އެދިވަޑައިގަންނަވާ ކަމަށާއި، މިހާރު ހުށަހެޅިފައިވާ ހުށަހެޅުން އެއްގޮތަކަށްވެސް ގަބޫލު ނުކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތ. އަތޮޅުގައި ޓޫރިޒަމުގެ ސިނާޢަތު މިހާރަށް ވުރެ ރަނގަޅުކުރުމަށް ޓަކައި ސަރުކާރުން ދެއްވަންޖެހޭ ލުއިތައް ދެއްވަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާޟް ވަނީ، ބީލަމަށް ނުލައި ވެސް މީހުން ދިރިއުޅޭ ރަށްރަށުން ބިން ދޫކުރެވިދާނެ ކަމަށް ބިލުގައި އޮތްކަން ފާހަގަ ކުރައްވައި، ބީލަމަށް ނުލައި ދޫކުރެވޭ ގޮތަށް އޮންނަ ބިން ދޫކުރުމުގައި ލޭންޑް ރެންޓް ކަނޑައަޅަންޖެހޭނެ އުސޫލުތަކެއް ބިލް، ގާނޫނަކަށް ވެގެން އަންނައިރުގައި ކަނޑައެޅެންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތަކަށް ވާންވީ، ނުހެދިފައި ހުރި ރަށްތައް ރިސޯޓުގެގޮތުގައި ތަރައްޤީކުރެވޭނެ މަގެއް ހޯދުން ކަމަށް ވެސް ވިދާޅުވިއެވެ.