ބޯމަތިވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް މިނިވަންކަމާއެކު، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ވަރަށް ފޯރި ގަދަ ވެފައެވެ. ޕާޓީ ދެ އަތަށް ކަފިވެފައިވާއިރު، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި "ފިނި ހޫނުމިން" އެކި ވަގުތު ހުރީ އެކި މިނުގައެވެ.

Ad
rt

މި ފޯރީގައި އެކަކު އަނެކަކަށް އިނގިލިދިއްކޮށް، އިލްޒާމް އެޅުވުމުގެ ސިލްސިލާއެއް މިހާރު ފެށި، އެ ބަޔަކު، އެ ބައެއް ތާއީދު ކުރާ ފަޅި މޮޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު މެންބަރުން ދަނީ އެކި ކަހަލަ ބަހުން އެކަކަކު އަނެކަކުގެ "ގައިގާ ޖަހަމުން" އެވެ.

ކޮންމެއަކަސް ރާއްޖެގައި ސިޔާސީ ޕާޓީއަކުން މީގެ ކުރިން ނުކުރާފަދަ ވަރުގަދަ ކެމްޕޭނެއް، ޕާޓިގެ އެތެރޭގައި ހިނގަމުންދާއިރު، އެ ކެމްޕޭންގައި އިވޭ ބައެއް ބަސްތަކަކީ މެންބަރުންނަށް ރައްދުކުރާން އެންމެ އެކަށޭނަ ނޫން ބަސްތައް ކަމަށް ބައެއް އެޕާޓީގެ މެންބަރުން ދަނީ ބުނަމުންނެވެ.

މިގޮތުން ކެލާ ދާއިރާގެ މެންބަރުން އިބްރޭ މިވަނީ، "ބޯވަޔަށް، މެއްސައް، މާބުރަށް ގޮވުމަކީ އެމްޑީޕީ މެންބަރުން ނަށް އިހާނެތި ކުރުން" ކަމަށް ވިދާޅުވެފައެވެ. އިބްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ވަރަށް ދެރަކަމެއް ކަމަށެވެ.

"މިއީ ވަރަށް ދެރަކަމެއް، މިނިވަންކަމާއެކު އެމެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ، އެއީ މިހާތަނަށް އެމްޑީޕީ ދަސްކޮށްދިން ފިލާވަޅަކީ، ބެވުން އޯކޭއެއް ނޫން،" އިބްރޭ ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުކުރެ އެންމެ ފޯރި ގަދައަށް ކެމްޕޭން ހިނގާ މަޤާމަކީ އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. މި އިންތިޚާބުގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފައެވެ.