އިސްލާމިކް ސްޓޭޓްގެ މެމްބަރެއް ކަމަށް ބުނެ ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް 30 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ވަރުގެ ދައުވާތަކެއް ދައުލަތުން އުފުލައިފި އެވެ.
އެމެރިކާގެ އެފްބީއައިއާ ގުޅިގެން މިއަހަރު މާލެއިން ހައްޔަރުކުރި ވ. ދެލްވައްތަ ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ސޯޝަލް މީޑިއާގައި އައިއެސް ޖަމާއަތަށް ތާއީދު ކުރުމާއި އެ ޖަމާއަތުގެ މެމްބަރަކަށް އުޅުމުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހޫދުގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ފެތުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ހާމަވާ ލިޔުމެއް ގެންގުޅުމުގެ ދައުވާ އެވެ.
މީގެ ތެރެއިން ފުރަތަމަ ތިން ދައުވާ ސާބިތުވެއްޖެ ނަމަ، މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ދެން ހުރި ދެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހޫދަކީ މީގެކުރިން ވިލިމާލޭގައި ގޭންގަކުން ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!