ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޓްވީޓާ އާއި އޭނާގެ އަމިއްލަ ބްލޮގްގައި ފާޑު ވިދާޅުވާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އައްމަޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

މިދިޔަ މަހު ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން ޕީޖީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ. އަދި ޓްވީޓް ވެސް ކޮށްފައިވެ އެވެ.

Ad
rt

ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު އެދިވަޑައިގަތީ އެ މައްސަލަ ނިމެންދެން، އައްމަޓީއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ހުއްޓުވުން އަމުރެއް ނެރެދިނުމަށެވެ.

ސަބަބެއްގެ ގޮތުގައި ނިހާޔަތު ވިދާޅުވީ އައްމަޓީއަކީ ކުށްވެރިއެއް ކަން ދެއްކުމަށްޓަކައި ސޯޝަލް މީޑިއާ އާއި ޓްވީޓާގައި ގިނަ ވާހަކަ ދައްކައި އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރާފަދަ ކަންކަން ބަޔަކު ކުރަމުންދާ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން އޭނާ ދެއްކެވީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔެފައިވާ ލިޔުންތަކާއި ޝަމީމްގެ ޓްވީޓްތަކެވެ.

ޝަމީމްގެ ޓްވީޓްތަކުގައި ފަނޑިޔާރުންނަކީ އެއްޗެއް ނޭނގޭ ބައެއް ކަމަށް ދޭހަވާ ގޮތަށް ޓްވީޓް ކޮށްފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި ހައި ކޯޓުގެ އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ދަށު ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ދައުލަތުން ކުރި ކަމެއް ނޯންނާނެ ކަމަށެވެ. އަދި މީހަކު އޭނާ އަމިއްލަ ހައިސިއްޔަތުން ކުރާ ކަމަކާ ގުޅިގެން އަމުރެއް ނެރެން ޖެހޭނީ އެ މީހެއްގެ މައްޗަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެކަމާ މެދު ނިންމާ ގޮތެއް މިއަދު އަންގަވާނެ ކަމަށެވެ.