ފަތުރުވެރިކަން ގާއިމުވެފައިވާ ރަށްރަށުން ޚިދުމަތް ހޯދާ ފަތުރުވެރިންގެ އަތުން ނެގޭ ގްރީން ޓެކްސްއިން ބައެއް އެ ރަށްރަށުގެ ވޭސްޓް މެނޭޖްމެންޓާއި، ތިމާވެށްޓާއި، ފަރަށް ލިބޭ ގެއްލުންތަކާއި އަދި މިނޫން ވެސް ތިމާވެއްޓާއި ގުޅުން ހުރި ކަންކަމަށް ޚަރަދު ކުރެވޭ ގޮތަށް ޤާނޫނު އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ބިލަށް ތާއީދުކުރަށް ވަމުން އިބްރޭ ވިދާޅުވީ، ރާއްޖެ ކޮވިޑަށް ފަހު މި އޮތް ހާލަތުން އަރައިގަތުމަށް މިއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އަދި ޚާއްޞަކޮށް ރާއްޖޭގައި އިންޓެގްރޭޓަޑް ޓޫރިޒަމާއި ރިއަލްއެސްޓޭޓް ޓޫރިޒަމް ފެށިގެންދިޔުމަކީ މިހާރު ސަރުކާރުން ދޫކޮށްފައި ހުރި ރިސޯޓުތަކަށާއި، އަދި އިތުރަށް ޓޫރިޒަމަށް ވަންނަން ބޭނުން ނުވަތަ ޓޫރިޒަމްގެ މަސައްކަތްތައް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއްކަމަށާއި، މި ބިލުން އެ ފުރުޞަތުލިބިދޭ ކަމަށް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، މި ބިލުގައި ވިސްނާލަންޖެހޭ ބައެއް ކަންތައްތައް އެބަހުރި، އެއް ކަމަކީ، ގްރީންޓެކްސް ނެގޭއިރު، މުޅި ގްރީންޓެކްސް ސަރުކާރަށް ދާދިއުން ކަމަށް ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ގެސްޓްހައުސްތަކުގައި އުޅޭ ގެސްޓުން ނުވަތަ ގެސްޓްހައުސްގެ ސަބަބުން، އެ ސިނާޢަތުގެ ސަބަބުން އެ ރަށަށް ކުރާ ތިމާވެށްޓާ ބެހޭ އަސަރުތައް
ޙަޤީޤަތުގައި ތަހައްމަލްކުރަމުން މި ގެންދަނީ އެ ރަށެއްގެ ރައްޔިތުން. އެހެންވީމާ، މިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް." އިބްރޭ ވިދާޅުވިއެވެ.

އެހެންކަމުން ގްރީންޓެކްސް ނަގައި، ޓެކްސްއިން ބައެއް ނަމަވެސް މި ރަށްރަށަށް ޚަރަދުކުރެވޭ ގޮތް އޮތުމަކީ އެ ރަށްރަށުގެ ވޭސްޓް މެނޭޖްމެންޓާއި، އަދި އެހެނިހެން ފެހިކުރުންތަކަށާއި، ރަށުގެ ތިމާވެށްޓާއި، ފަރަށް ލިބޭ ގެއްލުންތަކާއި، އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް މުހިންމު ކަމެއް ކަމަށް އިބްރޭ ވިދާޅުވިއެވެ.

"މި ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ނެގޭ އެކުއިޒިޝަން ފީ ވެސް ޙަޤީޤަތުގައި އެއްކޮށް މި ދަނީ ސަރުކާރަށް، އެހެންވީމާ، މި އެކުއިޒިޝަން ފީ ވެސް އަޅުގަނޑުމެން އެބަ ޖެހޭ މި ރަށަށް މީގެ ފައިދާއެއް ކުރަން." އިބްރޭ ވިދާޅުވިއެވެ.

ރަށްރަށުގެ ފަތުރުވެރިކަމުގެ ގެސްޓްހައުސް/ސިޓީ ހޮޓާތައް އެގްރިމެންޓް ކުރެވެނީ ކައުންސިލުތަކާ އެއްކޮށް ކަމަށްވެފައި، އެގްރިމެންޓުކުރާއިރު، އެގްރިމެންޓާ ޚިލާފުވެގެން މައްސަލައެއް ޖެހިގެންދާއިރު މީގެ ބަދަލުގައި އެއްޗެއް ކައުންސިލުން ބޭނުންވެއްޖެ ނަމަ މިހާރު ޤާނޫނު އޮތްގޮތުން ގޮންޖެހުންތައް ހުރިކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި އެރަށެއްގެ ކައުންސިލުން އެ ރަށަށް ދޭންޖެހޭ ޔުޓިލިޓީ ޚިދުމަތްތަކާއި، ސަރުކާރުން ގާނޫނުގެ ދަށުން ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަކީ ވަރަށް ބޮޑު އުނދަގުލަކަށް ވެގެންދާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

"ހަމަ އެއާއެއްކޮށް މި ސަރަޙައްދުގައި ނުވަތަ ޓޫރިޒަމަށް ކަނޑައަޅާ ސަރަޙައްދުގައި، ނުވަތަ ޓޫރިޒަމަށް ކަނޑައަޅާ ދޫކުރެވޭ ބިންތަކުގައި ޔޫޓިލިޓީ ޚިދުމަތްދިނުމަކީ
ވެސް ޙަޤީޤަތުގައި ވަރަށް ބޮޑު ޗެލަންޖަކަށް ވެގެންދާނެ. މިސާލަކަށް އެތާ، އެ ސަރަޙައްދުގެ މަގު ހެދުން، އެ ސަރަޙައްދަށް ފެނާއި، ނަރުދަމާއާއި ކަރަންޓާއި، އެހެނިހެން ޚިދުމަތް ފޯރުކޮށްދިނުމަކީ ވެސް ޙަޤީޤަތުގައި ކައުންސިލާ އެކު ކުރެވޭ އެގްރިމެންޓަކުން ކައުންސިލުގެ މައްޗަށް ލާޒިމުވެގެން މި ދަނީ." އިބްރޭ ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ތަނުން ނަގާ ފީއާއި، ގްރީންޓެކްސްއާއި، އެކުއިޒިޝަން ފީ، ހުރިހާ އެއްޗެއް ދަނީ މައި ސަރުކާރަށް ކަމަށާއި އެހެން އެކަން އޮތުމުން ރަށުގެ
ކައުންސިލަށް ވަރަށް ބޮޑު ދަތިތަކާ ދިމާވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުން މުސްތަޤުބަލުގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދި، މިއީ ވިޔަފާރި ކަމަކަށް ވާތީ ވަރަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާވެގެންދާ ތަން ފެނިގެން ދިޔުން ވެސް އެކަށީގެންވާކަމަށް އިބްރޭ ވިދާޅުވިއެވެ.