ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ސެވިއްޔާއިން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު(3-2) ޖަހައިގެން މެޗު ކާމިޔާބުކޮށް، ރެއާލުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ރެއާލްގެ އޭރިއާމަތިން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ އިވާން ރަކިޓިޗެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ސެވިއްޔާގެ ޖީސަސް ކޮރޯނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެރިކް ލަމޭލާ ކާމިޔާބު ކޮށްދިން ލަނޑާއިއެކު ސެވިއްޔާއަށް ދެ ލަނޑުގެ ލީޑެއް ލިބިގެން ދިޔައެވެ.
ފުރަތަމަ ހާފުގެ ފަހު ދިހަވަރަކަށް މިނެޓް ރެއާލުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި، ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ބެންޒެމާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނުއިރު، ބެންޒެމާ ފޮނުވާލި ހަމަލާ ސެވިއްޔާގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފަށް ރެއާލުން ނުކުމެފައި ވަނީ އެ ޓީމްގެ ޒުވާން މިޑްފީލްޑަރ އެޑުއާޑޯ ކަމަވިންގާގެ ބަދަލުގައި ރޮޑްރިގޯ ޓީމްގައި ހިމަނައިގެންނެވެ. ރޮޑްރިގޯ ވަނީ މެޗުގެ ނަތީޖާ ރެއާލް ކޮޅަށް އަނބުރާލުމުގައި މުހިންމު ދަޢުރެއް އަދާކޮށްފައެވެ. ރެއާލުން ވަނީ މެޗުގެ ދެވަނަ ހާފުގައި އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 50 ވަނަ މިނެޓުގައި ޑެނީ ކަރަވަހާލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރޮގޯއެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ކަރަވަހާލް ސެވިއްޔާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ މޭން ކޮންޓްރޯލް ކުރުމަށް ފަހު އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން، ރެއާލްގެ ވިނީސިއަސް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ގިނަ ވަގުތުތަކެއް ވަންދެން ވީއޭއާރުން ބެލުމަށް ފަހު ބޯޅަ ކޮންޓްރޯލް ކުރި ވަގުތު ވިނީސިއަސްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބަލައި މެޗުގެ ރެފްރީ ވަނީ ލަނޑު ބަލައި ނުގަތުމަށް ނިންމާފައެވެ.
ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު ކަރަވަހާލް ހުރަސްކޮށް ދިން ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭގެ ކުޑަ އިރުކޮޅެއް ކުރިން ކުޅެން ނުކުތް ނަޗޯއެވެ.
ރެއާލުން އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތް މިނެޓްގެ ތެރޭގައި ވިނީސިއަސްއާއި ރޮޑްރިގޯ ގުޅިގެން އުފެއްދި އެޓޭކެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާއެވެ.
މި މޮޅާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ބާސެލޯނާއަށް 30 މެޗުން ލިބިފައި ވަނީ 60 ޕޮއިންޓެވެ. މީގެ އިތުރުން ތިންވަނާގައި އޮތް ސެވިއްޔާއަށާއި ހަތަރުވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 60 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!