ހުޅުމާލޭ ރެސްޓޯރެންޓެއްގައި އިއްޔެ ހަމަލާދީ މަރާލި ބަންގްލަދޭޝް މީހާގެ މައްސަލާގައި ފުލުހުން ހޯދަން އިއުލާންކުރި ޕާކިސްތާނުގެ ކައްކާ، އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރޭ ހޯދަންފެށި އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ފެނިފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ހިޔާ ސަރަހައްދުގެ ގޮނޑުދޮށް ސަރަހައްދުންނެވެ.
އަދި މިމައްސަލާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލާ ދީފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެރެސްޓޯރަންޓް ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 17:30 ހާއިރުއެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ ވަނީ މަރުވެފައެވެ.
މިއަދު ހައްޔަރުކުރި މީހާއަކީ ހާންޖީ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!