ހުޅުމާލޭ ރެސްޓޯރެންޓެއްގައި މިއަދު ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ޕާކިސްތާނު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލާގައި ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ހޯދަން ޢިއުލާން ކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ކިޔާ މީހެކެވެ.

Ad
rt

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ފިރިހެނަކަށް ވަޅިން ހަމަލަދީ މަރާލީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ހާންޖީ ރެސްޓޯރަންޓްގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 5:30 ހާއިރުއެވެ.

އެ ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހެކެވެ. މަރުވެފައި ވަނީ އެ ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގުލަދޭސް މީހެކެވެ. ހަމަލާއަށް ފަހު ކައްކާ ވަނީ ފިލާފައި ކަމަށް ވެއެވެ.

ފުލުހުން ވަނީ އެމީހާ ހޯދުމަށް އާންމުގެ އެހީތެރިކަމަށް އެދިފައެވެ. އަދި އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އާންމުން އޭނާއާ ކުރިމަތިނުލުމަށް އިލްތިމާސްކޮށް، އޭނާ އާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން 119 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.