އަނބިމީހާގެ ގައިގައި ކޮނޑަކުން ޖަހައި، ކަރުގައި ހިފި މައްސަލައެއްގައި ފިރިމީހާގެ މައްޗަށް ކުރާ ދައުވާ ބަލަން ހައި ކޯޓުން އަންގައިފި އެވެ.

ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ކައިވެނިކޮށްގެން އުޅުނު ކ. ހުރާ އަންހެނެއްގެ ކަނދުރާގައި ޕްލާސްޓިކް ކޮނޑަކުން ޖަހައި އަދި އޭނާގެ ކަރުގައި ހިފައިގެން އެނދުމައްޗަށް ވައްޓާލި ކަމަށް ބުނެ އެވެ. ފިރިހެން މީހާއަކީ މާލޭ މީހެކެވެ.

Ad
rt

ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ފިރިހެން މީހާގެ ތަހުގީގު ބަޔާން ފުލުހުން ނަގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ މައްސަލަ ޕީޖީން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ތަހުގީގުގައި ވަކީލުންގެ އެހީ ލިބުމުގެ ހައްގު އޭނާ އަމިއްލައަށް ދޫކޮށްލާފައިވާތީ އާއި ތަހުގީގަށް ހާޒިރުވީ އަމިއްލައަށް ކަމަށްވާތީ އެ ހައްގުތައް އޭނާއަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ.

އެ ތަހުގީގު ބަޔާން ގޯސްކޮށް ނަގާފައިވާ ކަމަށް ނުބެލެވޭތީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާ ކަމަށް ހުކުމުގައިވެ އެވެ.