ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

Ad
rt

މިގޮތުން އައްޑޫސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެއްގޮތަކަށްވެސް އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފަވެއެވެ.

"އަދި އެމައްސަލައިގައި ޤާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ޤާއިމްކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިމިނެއްގައި އެޅުމަށް މި ޕާޓީއިން ގޮވައިލަމެވެ. އަދި މިފަދަ ހައްސާސް މައްސަލަތަކުގައި ކުޑަ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ މިޕާޓީއަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ." އެމްއެންޕީން ބުނެފައި ވެއެވެ.

އެ ޕާޓީން ބުނީ އެ ޕާޓީއިން އަބަދުވެސް މަސައްކަތްކުރާނީ ކުޑަ ކުދިންގެ ހައްގުތައް ކުރިއަރުވައި ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.