ނޭޝަނަލް ޑްރަގް އެޖެންސީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވި ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމެވެ.

Ad
rt

އެ އެމްއޯޔޫއަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައާ ގުޅޭ ފަރާތްތައް މުޖުތަމައަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަގްރޭޝަން އެންޑް އާފްޓަ ކެއާ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ. އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ.

އެ އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަހުލާގާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެއެވެ. އެ އެމްއޯޔޫގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

އެމްޓީސީސީގެ އަމާޒަކީ އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުމެވެ.

އެ ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގު ރޮނގުން އިޖްތިމާއީ ޒިންމާ ވަނީ އަދާކޮށްފައެވެ.