އިނގިރޭސި ޕްރިމިއަރލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗްގައި ރޮނާލްޑޯ ގެ ހެޓްރިކުން ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މީ ރޮނާލްޑޯގެ 60 ވަނަ ހެޓްރިކެވެ.

Ad
rt

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ންނެވެ.

މި މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޯވިޗްގެ ކީރަން ޑޯވެލް ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ.

ދެވަނަ ހާފުގައި ނޯވިޗްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓީމޫ ޕުކީއެވެ. ޔުނައިޓެޑް މޮޅުވީ މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑުންނެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ

މި ނަތީޖާއާއިކު ޔުނައިޓެޑް ވަނީ 54 ޕޮއިންޓް ހޯދާ ތާވަލްގެ 5 ވަނަ އަށް ޖެހިލާފައެވެ. ނޯވިޗް ތާވަލްގެ އެއްމެ ފުލުގައި އޮތީ 21 ޕޮއިންޓާއެކުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ވަނީ ބަލިވެފައެވެ. މި މެޗްގެ ހަމައެކަނި ލަނޑު މެޗްގެ ފަހުވަގުތުގައި ޖަހައިދިނީ ލިއަންޑޯ ޓޮރޮސޯޑް އެވެ. 57 ޕޮއިންޓުން 4 ވަނައިގައި ޓޮޓެންހަމް އޮތްއިރު، 40 ޕޮއިންޓް ހޯދާ ބްރައިޓަން ވަނީ 10 ވަނަ އަށް ޖެހިލާފައެވެ.

ޔަން ބެޑްނެރެކް 44 ވަނަ މިނެެޓްގައި ޖަހއިދިން ގޯލް އިން 1-0 ގެ ނަތީޖާއިން ސައުތެމްޓަން ވަނީ އާސެނަލް މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާއިން އާސެނަލް 6 ވަނަ އަށް ވެއްޓުނު އިރު، ސައުތެމްޓަން ވަނީ 12 ވަނަ އަށް ޖެހިލާފައެވެ. ވޮޓްފޯޑް 2-1 އިން ބަލިކޮށް ބްރެންޓްފޯޑް ވަނީ ތާވަލްގެ 11 ވަނަ އަށް ޖެހިލާފައެވެ. ވޮޓްފޯޑް އޮތީ ތާވަލްގެ 19 ވަނައިގައެވެ.