ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު މަސައްކަތް ކުރައްވާތީ އެކަން ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.
އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އާޒިމާގެ މައްސަލަ 2019 ވަނަ އަހަރު ޕީޖީ އޮފީހަށް ލިބުނުއިރު ނިހާޔަތު ހުންނެވީ ޑެޕިއުޓީ ޕީޖީއަކަށް ކަމަށެވެ.
އެ މައްސަލާގައި އޭނާއަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ނިހާޔަތު ވިދާޅުވީ އޭނާ އެ މައްސަލާގެ އެއްވެސް ކަމެއްގައި ޕީޖީ އޮފީހުގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުގައި އުސޫލުތައް ހުންނަ ގޮތުން އަންނަ ކޮންމެ މައްސަލައެއްގައި ބައިވެރިނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ބައިވެރިވިޔަސް އަދި ނުވިޔަސް، ގަވާއިދު ބުނާގޮތުން ނިހާޔަތަށް ދިފާއީ ވަކީލެއްގެ ގޮތުން އެ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
ނިހާޔަތު ވިދާޅުވީ ދައުލަތުން ވާހަކަ ދައްކަނީ ވެދާނެ ކަމަށް ލަފާކުރެވޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ޕީޖީ އޮފީހުގައި އުޅުމަކީ އެކަމުގެ ސަބަބުން އެ މައްސަލާގައި ވަކާލާތު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ފަރާތުގެ ބަހުސް ހޫނުވުމުން ބެންޗުން ނިންމެވީ އެކަމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!